އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ މެންބަރުން
އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ މެންބަރުން
މީޑިޔާގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ. އެ ކޯލިޝަނުން މިފަދައިން ގޮވާލާފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ މީޑިއާތައް ޖޫރިމަނާކުރެވޭނެ ޤަވައިދެއް ހެދުމަށްފަހު ވަކި ތާރީޚެއްގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ސޮއިކުރައްވާ މޯލްޑިވްސް މީޑިއާ ކައުންސިލަށް ފޮނުވާފައިވާ ސިޓީއާއި ގުޅިގެން އެ ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، މިއީ މިނިވަން މީޑިއާއަށް ހުރަސްއަޅާ މީޑިއާތަކަށް ބިރުދެއްކުމުގެ ގޮތުން ކުރިއަށް ގެންދާ ވަރަށް ނުރައްކާތެރި ކަންތައްތަކެއްގެ ފެށުންކަމަށް ގަބޫލުކުރާ ކަމަށާއި، ޚާއްޞަކޮށް ދާދި ފަހުން ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކޮށް، ސިޔާސީ ނުފޫޒުގަދަ ބަޔަކު ހިންގާފައިވާ ޢަމަލުތަކާ ބެހޭގޮތުން ރިޕޯޓް ކޮށްފައިވާ މީޑިއާތަކަށް އަމާޒުކޮށް، އެމީޑިއާތަކުގެ މައްސަލަ ބެލުންފަދަ ކަންކަން ހިންގުމަކީ މިނިވަން ނޫސްވެރިކަމެއް އޮންނަންޖެހޭ ކަމަށްބުނެ ވަރަށްބޮޑަށް އަޑުގަދަކުރި ފަރާތްތަކުން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަދި ޑިމޮކްރެސީގެ ނިޒާމާ މުޅިން ބީރައްޓެހި ޢަމަލެއްކަމަށް ވަނީ ބުނެފައެވެ.

މީޑިޔާއަކީ ޑިމޮކްރެސީގެ 4 ވަނަ ބާރުކަމަށާއި މިނިވަން މީޑިއާގެ މުހިންމުކަމަށް ވަކާލާތުކުރަމުންއައި ފަރާތްތަކުން ވެރިކަމަށް އައިސް ނޫސްވެރިންގެ އަނގަ ބަންދުކޮށް މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ރޭވިގެން ކުރަމުންދާ މަސައްކަތް ކޯލިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށާއި، މިއީ މިނިވަން ނޫސްވެރިކަމަށާއި ނޫސްވެރިކަމުގެ ދާއިރާގެ މުސްތަޤްބަލަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

ހަމައެއާއެކު، މިނިވަންކަމާއެކު ވަކިއަތަކަށް ނުޖެހި ޚަބަރާ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ފުރުސަތު ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ފަހިކޮށްދޭން ޖެހޭނެ ކަމަށާއި، ނަމަވެސް މަޢުލޫމާތު ހާމަކުރުމުގައި ސަރުކާރުން މީޑިއާތަކަށް ތަފާތު ކުރުން ގެންގުޅޭކަމުގެ ކަންބޮޑުވުންތައް ހުރިކަންވެސް އެފަރާތުން ފާހަގަކޮށްފައިވެއެވެ. ހަމަ އެއާއެކު، މީޑިއާ ކައުންސިލަކީ މީޑިއާގެ މައްސަލަތައް ބަލާ މިނިވަން ވަކި މުއައްސަސާއަކަށް ވީހިނދު، މީޑިއާ ކައުންސިލްގެ މަސައްކަތްތައް ވަކި ގޮތަކަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ބާރުފޯރުވުމަކީ މިއަދު ސަރުކާރުން ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލް ކުރުމަށް އަމާޒު ހިފާފައިވާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އެހެންކަމުން މީޑިއާތަކަށް ބިރުދައްކާ، މީޑިއާތަކުގެ އަނގަ ބަންދު ކުރުމަށް ސަރުކާރާ، މަޖލީހުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި، ވަކި ވަކި މީޑިއާތަކަށް އަމާޒުކޮށް ކުރަމުންދާ ފުރައްސާރަ ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން ދައުލަތުގެ މީޑިއާ ކޮންޓްރޯލްކޮށް ވަކި މީޑިއާ ތަކަކަށް އަމާޒުކޮށް ފިޔަވަޅުއަޅައި ބޮޑެތި އަދަދު ތަކުން ޖޫރިމަނާކޮަށް މީޑިއާގެ މިނިވަން ކަމަށް ހުރަސް އަޅަމުން ގެންދިޔަ ވާހަކައަކީ މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުންނާއި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ގިނަ މެންބަރުން އެންމެ ބާރަށް ދައްކަވަމުން ގެންދެވި އެއް ވާހަކައެވެ. އެގޮތުން ވަކި މީޑިއާތަކަށް އަމާޒުކޮށްގެން ފިޔަވަޅު އެޅުމާއި ބޮޑެތި އަދަދުތަކުން އެފަދަ މީޑިއާތައް ޖޫރިމަނާކޮށް ގާނޫނު ތަކާއި އުސޫލުތަކުން ބޭރުން އަމަލު ކުރައްވާފައިވާ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ކުރިން ތިބި ގިނަ މެންބަރުން ބަދަލުކޮށް މިހާރު ވަނީ އާ މެންބަރުން އައްޔަން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން