ރިޔާސީ އިންތިހާބުގައި ކެމްޕެއިންގެ ތެރެއިން ވާދަވެރިން ކުރާ ކަންކަމުގެ ސަބަބުން އެމްޑީޕީގެ ކެމްޕެއިނަށް ލިބެނީ އިތުރު ޖޯޝާއި ފޯރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާއުނގޫދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ މާއުނގޫދޫއަކީ ސިޔާސީ ރަަށެއްކަން އެ ރަށަށް ވަޑައިގަތުމުން ހާމަވާކަމަށާއި، އެ ރަށުން ހުރިހާ ސިޔާސީ ހުރިހާ ކުލައެއް އެބަ ފެންނަކަމަށެވެ.

"ތަފާތު ހުރިހާ ކުލައެއް އެބަފެނޭ މަދުންނަމަވެސް މިހާރު ރަށްރަށުން ފެންނަ ފިޔާތޮށި ކުލަވެސް މިރަށުން އެބަފެނޭ. ރަނގަޅު ކަމެއް އެއީ" ރައީސް ވިދާޅުވިއެވެ.



ރައީސް ސާލިހު ވިދާޅުވީ ރިޔާސީ އިންތިހާބެއްގެ މިހާހިސާބަށް އަންނައިރު ވާދަކުރާ ޕާޓީތަކުން ރަނގަޅު ކެމްޕެއިނެއް ކުރަންވާނެކަމަށެވެ. އަދި މާއުނގޫދޫއިން އެ މަންޒަރު ފެންނަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވާދަވެރިންގެ ހަރަކާތްތަކުގެ ސަބަބުން އެ މަނިކުފާނަށް ލިބިވަޑައިގަންނަވަނީ އިތުރު ޖޯޝާއި ފޯރިކަމަށެވެ.

"ކެމްޕެއިން ކުރުމުގެ ޖޯޝާއި ފޯރި އަންނަނީ ވާދަވެރި ފަރާތްތަކުން ހިންގާ ވާދަވެރި ހަރަކާތްތަކުން. ވަރަށް ހިތްހަމަޖެހޭ ޕީޕީއެމްގެ މެމްބަރުން އެ ކުރައްވާ މަސައްކަތަށް. ކުރިއަށް ވަޑައިގަންނަވަންވީ އަޅުގަނޑުމެން މިތިބީ ވާދަކުރަން ތައްޔާރުވެގެން" ރައީސް ވިދާޅުވިއެވެ.

ވާދަވެރިން ކުރާ ކަންކަމުގެ ސަބަބުން އެމްޑީޕީގެ ކެމްޕެއިނަށް ލިބެނީ އިތުރު ޖޯޝާއި ފޯރިކަމަށް ރައީސް ސާލިހު ވިދާޅުވެފައި މިވަނީ އެމަނިކުފާނު ކެމްޕެއިން ދަތުުރުފުޅުތަކުގައި ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން އިހްތިޖާޖުތައް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ރައީސް ސާލިހު އިއްޔެ ފުވައްމުމުލަކު ސިޓީއަށް ވަޑައިގަތުމުން އިދިކޮޅު ފަޜާތްތަކުން ކުރިއަށްގެންދިޔަ އިހްތިޖާޖުގެ ތެރެއިން ބޮޑެތި ހަމަޖެހުންތަކެއް ވަނީ ހިނގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން