ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ރަހުނަކާއި ނުލާ ލޯނު ދޭނެކަމަށް ބުނެ އެ ޕާޓީން އިއުލާންކޮށްފައިވާ ސިޔާސަތަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރައްދުދެއްވައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ދަ ޑިމޮކްރެޓްސްގެ ތައާރަފްކޮށްފައިވާ 'ފަސޭހަ ވިޔަފާރި' ސިޔާސަތުގައިވާ ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން (އެސްއެމްއީ) ލޯނު ހޯދަން އަތުން ފައިސާ ލާން ނުޖެހި އަދި ރަހުނެއްވެސް ބަހައްޓަން ނުޖެހޭގޮތަށް ހަދާނެއެވެ.

ށ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ރަހުނަކާއި ލޯނު ލިބޭނެ އިންތިޒާމް މިހާރުވެސް ހަމަޖެހިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ރަހުނަކާއި ލޯން ލިބޭނެ އިންތިޒާމް ހަމަޖެއްސީ މި ސަރުކާރުން ކަމަަށާއި، އެކަންކުރުމަށް ސަރުކާރުން އުފެއްދި އެސްޑީއެފްސީ ބެންކުން އެސްްއެމްއީ ލޯނު ދޫކުރައްވަމުން ގެންދަވާކަމަށެވެ.

"އެބަ ބުނޭ އެސްއެމްއީ ލޯނު މޯގޭޖެއް ނެތި ދޫކުރާނަމޯ ތިމަންނާމެންގެ ވެރިކަމުގައި. އެެހެން ބުނާއިރުގައި ބަލަ މި ސަރުކާރުން މިހާރު ވެސް އެބަ ދޫކުރެއޭ އެސްއެމްއީ ލޯނު" ރައީސް ނަޝީދުގެ ޕާޓީއަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރަށްރަށަށް ގޮސް ވައުދުވާނެކަމެއް ނެތްކަމަށާއި، ރަށްރަށަށް ބޭނުންވާ ގިނަ ކަންކަން މި ސަރުކާރުން ވަނީ ފުރިހަމަކުރައްވާފައިކަމަށެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބޭންކަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އުފައްދާފައިވާ ބޭންކެކެވެ. މި ބޭންކު އުފައްދަވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ.

އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމެ ބޭނުމަކަށްވެސްވީ މާލީ އެހެން އިދާރާތަކުން ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމެވެ.

އެސްޑީއެފްސީން އަންނަނީ މާލީ އެހީ ލުއި އިންޓްރެސްޓު ރޭޓެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދެމުންނެވެ. މިކުންފުނިން ދޫކުރާ ލޯންތަކަށް ރަށުގައި ތިބެގެން އޮންލައިންކޮށްވެސް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ. އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ އެސްއެމްއީތަކަށް ވީހާވެސް ފަސޭހަކޮށް އިންތިޒާމްތައް ހަމަޖައްސައިދިނުމަށެވެ.

އެސްއެމްއީ ބޭންކަށް 4 އަހަރު ވެގެންދިޔައިރު މި ބޭންކުން 5 ދާއިރާއަކުން އަންނަނީ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ. އެއީ ރަށު ފަތުރުވެރިކަން، ދަނޑުވެރިކަން، މަސްވެރިކަން، އުފެއްދުންތެރިކަމާއި ގުޅުންހުރި ވިޔަފާރިތައް އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއެވެ.

އެސްއެމްއީ ބޭންކުން މިވީ 4 އަހަރުގެ ތެރޭގައި މިހާތަނަށް 1387 މީހަކަށް 1،672،733،086 ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން