ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެނޑިޑޭޓެއް ނެރުމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަންގަވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖައްސާފައިވީނަމަވެސް، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމަކާއި ގުޅިގެން އިންތިހާބުގައި ވާދަކުރެއްވުމާއިމެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ. ބެލެވޭ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ދާނީ އިލެކްޝަނުން ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިނުގަންނަނަމައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުންވެސް ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެފަދަ ނިންމުމެއް ނިންމަވައިފިނަމަ ރައީސް ޔާމީންގެ ބަދަލުގައި ޕީއެންސީން ކެންޑިޑޭޓަކާއި ރަނިން މޭޓެއްގެ ފޯމް ފުރާފައި ހުށަހެޅުމަށް ރައީސް ޔާމީން ވަނީ އަންގަވާފައެވެ.

ރައީސް ޔާމީންގެ އެންގެވުމާއި ގުޅިގެން ދެ ޕާޓީގެ ލީޑާޝިޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ޕީއެންސީގެ ކެންޑިޑޭޓާއި ރަނިން މޭޓަކަށް ޔާމީން ހިޔާރުކުރައްވާ ބޭފުޅަކު ހަމަޖެއްސެވުމަށް އެ މަނިކުފާނަށް ލަފާ ދެއްވުމަށެވެ. މީގެކުރިން ރައީސް ޔާމީން ރަނިންމޭޓަކަށް ހަމަޖައްސާނެ ބޭފުޅެއް ކަނޑައެޅުއްވުމަށް އެމަނިކުފާނު ޕާޓީގެ ލީޑަރޝިޕަށް އެންގެވުމުން، އެ ނިންމުން ނިންމެވުމުގެ ބާރުވެސް ޕާޓީން ދިނީ ރައީސް ޔާމީނަށެވެ. އެގޮތުން ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުއެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ބައެއް ފަރާތްތަކުން ބުނަނީ އެ މަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން