ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަހަތަށް އަރައި، އެ ޕާޓީއަށް ޖާގަ ނުދޭންވީ ސަބަބަކާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.

ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ވީޓީވީ މެދުވެރިކޮށް ގެނެސްދިން ވީޑިއޯ މެެސެޖެއްގައި ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާއެކު މީގެކުރިން 2 ފަހަރު އެމްޑީޕީން ވެރިކަމަށް އައިސްފައިވާކަމަށެވެ. އަދި ޕީޕީއެމްއަށްވެސް 2013 ވަނަ އަހަރު ވެރިކަން ލިބުނީ ޖުމްހޫރީ ޕާޓީގެ ތާއީދުއެކުކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖޭޕީގެ ތާއީދު ނުލިބުނުނަމަ ބޮޑު ދެ ޕާޓީކަމަށް ދައުވާކުރާ އެމްޑީޕީއާއި ޕީޕީއެމްއަށްވެސް ވެރިކަން ނުލިބުނީސްކަމަށެވެ.

"އެ ފަހަރު ހޮވުނީ އަޅުގަނޑުމެން ރައީސް ޔާމީން ހޮވަން ތާއީދުކޮށްގެން މަސައްކަތްކޮށްގެން އެތައް މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރި މަސައްކަތުގެ ހެޔޮ ނަތީޖާއިން. ކަން ދިމާވި ގޮތް އެނގޭނެ. ފުރަތަމަ މަޖިލީސް ރައީސަކު ހޮވަން އުޅުނުއިރު އަޅުގަނޑު ކުރިމަތިލީމާ ބޭރުކޮށްލީ. އެކަމަކު އެހެންނެއް ނުހެދޭނެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ބޮޑު ދެ ޕާޓީއަށް މީގެކުރިން ވެރިކަން ހޯދަން ޖޭޕީން މަސައްކަތްކޮށްދިންއިރު، މިއަދު ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާއިރު، ރާއްޖޭގެ ވެރިކަންކުުރުމުގެ އެޕާޓީއަށް ނުދޭންވީ ސަބަބަކާއިމެދު ސުވާލު އުފެދޭކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީޢަށް ތާއީދުކޮށް، އެ ޕާޓީއަށް ވެރިކަން ނުދޭންވީ ސަބަބެއް ނެތްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުން ތަޖުރިބާކޮށްލީމާ ނޫންތޯ އެނގޭނީ. ދިވެހި ރައްޔިތުން ވިސްނުންތެރިކަމާ އެކު ވިސްނާފައި މިތިބި ހާލަތުން ނަގައިދެވޭނެ މީހަކަށް ވެރިކަން ހަވާލުކުރިއްޔާ ކީއްތޯއޭ. އަޅުގަނޑާވެސް ހަވާލުކޮށްލިއްޔާ ނޫންތޯ އެނެގޭނީ" ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އިންތިހާބަށް މިފަހަރު ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ ކޮބައިކަން ތައުލީމީ ގާބިލް ބޭފުޅުން ރައްޔިތުންނަށް ބުނެދޭން ޖެހޭކަމަށެވެ.

ގާސިމް ވިދާޅުވީ ވެރިކަން ހޯދަން އުޅުއްވަނީ ބޮޑު މަޤާމެއްގެ ދަހިވެތިކަމުގައި ނޫންކަމަށާއި އެކަމަށް ނިކުންނެވި ހަމައެކަނި މަޤްޞަދަކީ ދިވެހި ޤައުމަށް ފާގަތިކަމާއި ކުރިއެރުން ގެނެސްދީ، ރައްޔިތުންނަށް އުފާވެރި މުސްތަޤްބަލެއް ހޯއްދަވައިދެއްވުންކަމަށެވެ.

ރާއްޖޭގެ ސިޔާސީ ބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި ގާސިމް އިބްރާހީމަކީ ރާއްޖޭގެ "ކިންގ މޭކަރ"އެވެ. ކިންގ މޭކަރގެ ލަޤަބް ޤާސިމަށް ލިބިވަޑައިގަތީ މިދިޔަ 3 ރިޔާސީ އިންތިހާބުގައިވެސް އެމަނިކުފާނު ތާއީދުކުރައްވާ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަންނަވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން