ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ، އެ ދައުރު ނިންމާލާނީ ދެން އަންނަ ސަރުކާރަކަށް ލޯނު ދެއްކުމުގެ ބުރަ އުފުލަންނުޖެހޭގޮތަށް ކަންކަން ހަމަޖެއްސުމަށްފަހުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ށ. މިލަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކޯވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އައިސް، އިޤްތިޞާދު ވަރަށް ބޮޑަށް އަޑި އަޅާލިކަމަށެވެ. ނަމަވެސް މި ސަރުކާރުން ކުރި މަސައްކަތާއެކު އިޤްތިޞާދު އަލުން ކޮޅަށް ޖަހާފައިވާކަން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިޤްތިޞާދީގޮތުން ހޯދަމުންދާ ކުރިއެރުންތަކާއެކު މިއަހަރު ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން އަހަރު ނިމޭއިރު އިޤްތިޞާދު 108 ބިލިއަން ރުފިޔާއަށް ފުޅާވެ، ދައުލަތުގެ އާމްދަނީ 34 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތުގެ އާމްދަނީ 34 ބިލިއަން ރުފިޔާއަށް އެބަ އިތުރުވޭ، އަަހަރަކަށްވުރެ އަހަރެއް ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން ގޮސް ބޮޑު ބަދަލުތަކެއް އަަންނާނެ. 2025 ވަނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭ. އެއާއެކު އިޤްތިޞާދު 130 ބިލިއަނަށް ފުޅާވެ، އާމްދަނީ 44 ބިލިއަނަށް ވަނީ އިތުރުވެފައި،" ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތައް ކުރައްވަމުންދާކަމަށާއި އެކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށްވެސް ފައިދާތަކެއް ކުރާނެކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު 2028 ވަނަ އަހަރު ދެގުނަ ބޮޑުވެ، 177 ބިލިއަން ރުފިޔާގެ އިޤްތިޞާދަކަށް ވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ފުދުންތެރިކަން އިތުރުވެ، ރައްޔިތުންގެ އަތްމަތި ތަނަވަސް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރު ނިންމާލާއިރު، ލޯނު ދެއްކުމުގެ ބުރައެއް ސަރުކާރަށް ނޯންނާނެކަމަށެވެ.

"އަޅުގަނޑުގެ ދެވަނަ ދައުރު ނިންމާލާނީ ލޯނު ދައްކަން އޮތް ބުރަ ހަމައަކަށް އަޅުވައިގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތްތަކާއެކު ފުދުންތެރި ރައްޔިތުންތަކެއް އުފެދިގެންދާނެކަމަށެވެ. އަދި ރަށްރަށަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުގައި ފައިސާ ހުންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން