މަސްތުވާތަކެެއްޗާއި ދެކޮޅަށް ހަރުދަނާ މަސައްކަތެއް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޒައާމަތާއެކުކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރުމާގައި މިރޭ ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަސީމް ވިދާޅުވީ ނޭޝަނަލް ޑްރަގް އޭޖެންސީ، އެން.ޑީ.އޭގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސް ޞާލިޙު ނިންމެވި ނިންމެވުމަކީ މަސްތުވާތަކެެއްޗާއި ދެކޮޅަށް ކުރާ މަސައްކަތަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން އެ ނިންމެވުމުގެ ސަބަބުން އަސްލު މައްސަލައިގެ ހައްލު ހޯދުމަށް އެތައް ގޮތަކަށް ބަލަން ފުރުސަތު ހުޅުވިގެންދިޔަކަން ނަސީމް ފާހަގަކުރެއްވިއެވެ.

ނަސީމް ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާގެ ކަންކަމުގައި މުޖްތަމައު ދެކޭގޮތް ބަދަލުވާތަން ފެންނަމުންދާކަމަށެވެ. އަދި އަތޮޅުތެރެ ބާކީ ނުވެ، މާލެ ނައިސް އަމިއްލަ ރަށުގައި ހުރެގެންވެސް ފަރުވާއަށް ފުރުސަތު ކުރިއަށް އޮތްތަނުގައި ފަހިވެގެންދާނެކަމަށް ނަސީމް ވިދާޅުވިއެވެ.

"ކަންކަން ތަރުތީބު ކުރެވިއްޖެ. ކުރިއަށް ކުރަންހުރި ކަންކަން ދެނެގަނެވިއްޖެ. މިހާރު ކުރިއަށް މިދަނީ، ތަންފީޒީ މަރުހަލާ، އުއްމީދުން ފުރިގެންވާ ދުވަސްތައް އަޅުގަނޑުމެންނާއި އަރާ ހަމަކުރާ ވަގުތު ވަރަށް ގާތްވެއްޖެ،" ނަސީމް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ވަނީ ޑަބްލިއު.އެޗް.އޯގެ އެހީތެރިކަމާއެކު ރާއްޖޭގެ މަސްތުވާތަކެތީގެ ޙާލަތު ދެނެގަތުމަށްޓަކާ ތައްޔާރުކޮށްފައިވާ "ސިޓުއޭޝަނަލް އެނާލިސިސް އޮފް ޑްރަގްސް އިން ދަ މޯލްޑިވްސް 2021" ރިޕޯޓު ނެރެފައެވެ. އަދި މި ޖަލްސާގައި ނޭޝެނަލް ޑްރަގް އޭޖެންސީ، ރީ-ބްރޭންޑްކޮށް، އެ އެޖެންސީގެ އައު ލޯގޯއާއި ކުލަ ވަނީ އިފްތިތާޙްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން