އިޤްތިޞާދީގޮތުން ހަމަޖެހިގެން އުޅެވޭނެ ބަދަލުތައް ރާއްޖެއަށް ގެނެސްދީ، ރައްޔިތުންނަށް ފާގަތިކަން ގެނެސްދެވޭނީ ޤާސިމް އިބްރާހީމަށްކަމަށް ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ޖޭޕީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން އިޤްތީޞާދީ މާހިރެއްކަމަށްވާ، އަދި އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމާއި ފިނޭންސް މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވާފައިވާ ޖިހާދު ވިދާޅުވީ އިޤްތިޞާދީ ގޮތުން ރާއްޖެ މިހާރު ދެކެމުންދަނީ މާ ފާގަތި ދުވަސްތަކެއް ނޫންކަމަށެވެ.

ޖިހާދު ވިދާޅުވީ ރައީސް ސާލިހަކީ އެމަނިކުފާނު ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެއްކަމަށާއި، ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން އިޤްތިޞާދު މެނޭޖްކުރެއްވި ގޮތް އެއްގޮތަކަށްވެސް ރަނގަޅު ނޫންކަމަށެވެ. އަދި މިސަރުކާރުން އިޤްތިޞާދު މެނޭޖްކުރީ ރައްޔިތުންގެ ޖީބުގައި ހުރި ފައިސާއިން ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާފައިކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤްތިޞާދު މެނޭޖްކުރެއްވި ގޮތް. އަޅުގަނޑު ދަންނަވާނީ ސޮރީއޭ.. އަޅުގަނޑު ޤަބޫލެއް ނުކުރަމޭ. ފަހަރެއްގަ ވެދާނެ ޕެންޑަމިކް މެނޭޖްކުރެއްވި ގޮތް ރަނގަޅުކަމަށް." ޖިހާދު ވިދާޅުވިއެވެ.



ޖިހާދު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ވަަރަށް މަތިކަމަށާއި، އަދި ޖީޑީޕީގެ 40 ވަރަކަށް ޕަސަންޓަކީ ދައުލަތް ހިންގުމަށް ހިނގާ ހަރަދުކަމަށެވެ.

ޖިހާދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވެރިކަމަށް ގެންނަންވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރަށް ފުޅާނުކޮށް، ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށްކަމަށެވެ. އަދި ޤާސިމްގެ ވެރިކަމެއްގައި ޕްރައިވެޓް ސެކްޓަރ ފުޅާކޮށް، 500 ވިޔަފާރިވެރިންގެ އައު ޖީލެއް ބިނާކުރައްވަން ނިންމާފައިވަނީ އެ ބޭނުމަށްކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.

ޖިހާދުގެ ވާހަކަފުޅުގައި ވަނީ ޤާސިމްްގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އަދި އެމަނިކުފާނަކީ ދިވެހިން އެދޭ ފާގަތިކަމާއި ތަނަވަސްކަން ގެނެސްދޭވެނެ ބޭފުޅެއްކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ ގާސިމަކީ ރާއްޖޭގެ ބަޖެޓް ހަދަން އެނގިވަޑައިގަންނަވާ، އަދި ބަޖެޓަށް ފައިސާ ހޯދަން އެނގިވަޑައިގެން މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން