އިންސާނީ ހައްޤުގެ ނަމުގައި ދީނުގެ އަސާސްތަކާ ޚިލާފަށް ހިންގާ އަމަލުތަކާ ދެކޮޅަށް ފިޔަވަޅުނާޅާ ދޫކޮށްލެވިގެން ދިއުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ދާދިފަހުން ސްވީޑަން އަދި ޑެންމާކްގައި ހުންނަ އިރާޤްގެ އެމްބަސީ ކުރިމަތީގައި މުޞްޙަފް އަންދާލި މައްސަލަ ކުށްވެރިކުރަށްވައި އެފަދަ އަމަލުތައް ތަކުރާރުވިޔަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި އަލް-އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް އިސްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ވަދެފައިވާތީ، އެކަން ކުށްވެރިކޮށް، ސައުދީ އަރަބިއްޔާ އަދި އިރާޤު ގެ ސަރުކާރުތަކުން އިސްވެ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ (އޯ.އައި.ސީ.) ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ވަރޗުއަލްކޮށް ބޭއްވި އެކްސްޓްރާ-އޯޑިނަރީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ މުސްޙަފް އެންދުން ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވައި އެފަދަ އަމަލުތަކަކީ ހަރުކަށި ފިކުރުތައް ފެތުރުމަށް ބާރުއަޅާ އަމަލުތަކެއްކަމަށް ފާހަގަކުރައްވާފައެވެ. އަދި، އެ އަމަލުތަކަކީ މުސްލިމް އުންމަތައް ލިބޭ ހިތާމައެއްގެ އިތުރުން، މުޖުތަމުޢު ބައިބައިކޮށް ފިތުނަ ފަސާދަ އުފެއްދުމަށް މަގުފަހިކޮށްދޭ ދަށުދަރަޖައިގެ ޢަމަލެއް ގޮތުގައިވެސް ޝާހިދު ސިފަކުރައްވާފައެވެ.

ހަމައެއާއެކު، އިންސާނީ ހައްޤުގެ ނަމުގައި ދީނުގެ އަސާސްތަކާ ޚިލާފަށް ހިންގާ މިފަދަ އަމަލުތަކާ ދެކޮޅަށް ފިޔަވަޅުނާޅާ ދޫކޮށްލެވިގެން ދިއުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއްނޫން ކަމުގައިވެސް ޝާހިދު ވިދާޅުވެފައިވެއެވެ. އެގޮތުން، އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން މި ހިނގާ ޖުލައިމަހު ފާސްކުރި ޤަރާރަކީ އެކުގައި މަސައްކަތްކޮށްގެން ލިބޭ ކާމިޔާބީއެއްގެ ދަލީލެއް ގޮތުގައިވެސް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި، މިފަދަ އަމަލުތައް ހުއްޓުވުމަށް ސުލްހަމަސަލަސްކަން ދެމެހެއްޓުމަށާއި އިޚްތިރާމްކުރުމަށް ބާރުއެޅުމުގެ މުހިންމުކަންވެސް ޝާހިދުގެ ތަޤްރީރުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާއި، ހަރިންމަ ތެރެއަށް ހުއްޓުމެއްނެތި ވަނުންވެސް ޝާހިދު ކުށްވެރިކުރެއްވިއެވެ. މިފަދަ އަމަލުތަކަކީ މެދުއިރުމަތީގެ ސުލްހަމަސަލަސްކަން ގެއްލުވާލާ ފަދަ އަމަލެއްކަންވެސް ރާއްޖޭގެ ޚާރިޖީ ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި، ޝާހިދުގެ ތަޤްރީރުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ވާނެކަމުގައި ވިދާޅުވެ، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުން ނިމިގެންދިޔައީ އޯ.އައި.ސީ.ގެ މެމްބަރު ޤައުމުތަކުގެ މެދުގައި މި އަމަލުތައް ކުށްވެރިކޮށް، މެދުކެނޑުމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ހާމަކޮށް، ދެ ޤަރާރެއްވެސް ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން