ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖެއްސެވީ، ރަނިންމޭޓްކަން ގަބޫލުކުރާނެ އިތުރު މީހަކު ނެތުމުންކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ށ.އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޕީޕީއެމަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން އިމްރާން ވިދާޅުވީ ބައެއް ޕާޓީތަކުން އުޅެނީ ކެނޑިޑޭޓެއް ހޯދާނެ ގޮތެއްވެސް ނެތިގެންކަމަށެވެ. އަދި ވަރަށް ވިސްނާފައި ހޯދި ކެނޑިޑޭޓްވެސް އޮތީ ޖަލުގައިކަމަށް އިމްރާން ވިދާޅުވިއެވެ.

ޖަލުގައި ހުންނަ މީހަކާއެކު އިންތިޚާބުގައި ވާދަކުރާނެ މީހަކު ނުވާނެކަމަށާއި އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމިންގެ ރަނިން މޭޓަކަށް ޖަމީލު ހަމަޖެއްސެވީ އެކަން ގަބޫލު ކުރައްވާނެ އެހެން ބޭފުޅަކު ނެތުމުންކަމަށް އިމްރާން ވިދާޅުވިއެވެ.

"އެންމެފަހުން މިލިބުނީ މިކަހަލަ ވަގުތުތަކުގައި ފިދާއެއްގެ ގޮތުގައި ކަތިލާ ކަންބަޅިއެއް. މިބޭފުޅާ ރަނިންމޭޓްކަން ގަބޫލުކުރީ ދެން ކެނޑިޑޭޓް ޖަލުގައި ބާއްވާލިމާތާއޭ ތިމަންނާއަށް ކެނޑިޑަސީ ލިބެންޖެހޭނީ." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޕީޕީއެމުން ރަނިންމޭޓް އިއުލާންކޮށްފައި އޮެއްވާ, އެއްވެސް މަޝްވަރާއެއް ނެތި މިހާރު އެ ދަނީ އެހެން ކެންޑިޑޭޓެއްގެ ކަންކަން ހަމަޖައްސަމުންކަމަށެވެ.

އިމްރާން ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓްގެ ފޯމް ލާންޖެހޭ ހިސާބަށް ދާއިރުވެސް ކެނޑިޑޭޓެއްގެ ކަންކަން ހަމަޖެހޭނެކަމަށް ނުބެލެވޭކަމަށާއި އެ ބޭފުޅުން އުޅުއްވަނީ އެއަށްވުރެ ހާލުގައިކަމަށް އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން