ށ. އަތޮޅަކީ މީގެކުރިން އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތް އަތޮޅެއްކަމަށާއި، އެ އަތޮޅަށް ތަރައްޤީ ގެނެސްދިނީ މި ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގެ ތެރެއިން ކަނޑިތީމުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ކަނޑިތީމު ދާއިރާ ހިމެނޭ ށ. އަތޮޅު ވަރަށް ބޮޑަށް އޮތީ ބާކީކޮށްފައިކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ކުރިއަށްގެންދިޔައީ 19 ޕްރޮޖެކްޓްކަމަށާއި އަދި ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހިންގާފައިވަނީ 56 މަޝްރޫޢުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކޮށް، ޖުމްލަ 159 މަޝްރޫޢު ހިންގާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެންމެ މަދުން ތަރައްޤީގެ މަޝްރޫޢުތައް ރާއްޖޭގައި ހިންގާފައިވާ އަތޮޅޭ ދެންނެވިދާނެ. އެހެންވެ އަޅުގަނޑުމެން މި އަތޮޅަށް ކުރަންޖެހުނު ކަންތައްތައް ގިނަވެގެންދިޔައީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އިސްކަންދިނީ ތަރައްޤީނުވެ އޮތް ހިސާބުތައް ތަރައްޤީކުރަން އިސްކަންދިނުމަށްކަމަށެވެ. އަދި އިތުރު ދައުރަކަށް ހޮވިވަޑައިގެންފިނަމަ ގިނަ ކަންތައްތަކެއް ށ. ކަނޑިތީމަށްވެސް ކޮށްދެއްވަން ރައީސް ޞާލިހު ވަނީ ވައުދުވެވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ހޭންޑް ބޯލް ކޯޓު އެޅުމާއި، މޫދު ކުޅިވަރަށް ޚާއްސަކޮށްފައިވާ ސަރަހައްދެއް ތަރައްޤީކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އެ ރަށުގައި މީގެ ފަސް އަހަރު ކުރިން ޤާއިމް ކުރި ބަނދަރު އޮތީ އެންމެ ރަނގަޅަށް ނޫންކަމަށް ފާހަގަކުރައްވާ ރައީސް ވަނީ އެ ރަށުގެ ބަނދަރު ބޮޑުކޮށް، ބަނދަރުގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކަނޑިތީމު ރައްޔިތުންނަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ބަދަލުގައި ވިސްނުންތެރިކަމާއި އެކު ގޮތް ނިންމާ ރަށެއް ކަމަށާއި އެކަމުގެ ނަތީޖާވެސް ފެންނަކަމަށެވެ. އެގޮތުން ފާއިތުވި އިންތިޚާބުތަކުގައި އެމްޑީޕީއަށް އެ ރަށުގެ އަޢުލަބިއްޔަތު ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން