2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ލަންކާގައި ހުންނަ ރާއްޖެ އެމްބަސީއަށް ބަޔަކު ޖަމާވެފައި
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ލަންކާގައި ހުންނަ ރާއްޖެ އެމްބަސީއަށް ބަޔަކު ޖަމާވެފައި
ރިޔާސީ އިންތިހާބުގައި އިންޑިޔާގެ ޓްރިވެންޑްރަމާއި، ސްރީލަންކާގެ ކޮލަމްބޯގައި ވޯޓް ފޮށި ބަހައްޓާވަރަށް މީހުން ރަޖިސްޓްރީކޮށްފިކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި 604 ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އޭގެތެރެއިން 13 ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ ރާއްޖެއިން ބޭރުގައެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި އެ ފޮށިތައް ބަހައްޓާނީ ޤާނޫނުގައި ބުނާ އަދަދަށް މީހުން ރަޖިސްޓްރީކޮށްފިނަމައެވެ. ޤާނޫނުގައިވާ ގޮތުން ރާއްޖެއިން ބޭރުގައި ފޮށި ބަހައްޓާނީ ވޯޓުލުމަށް 150 މީހުން ރަޖިސްޓަރީ ކޮށްފިނަމައެވެ.

150 މީހުން ރަޖިސްްޓްރީކޮށްފިނަމަ ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމް، ނިއުދިއްލީ، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަލަމްޕޫރު، ސިންގަޕޫރު، އިނގިރޭސިވިލާތުގެ ލަންޑަން، ތައިލެންޑުގެ ބެންގކޮކް، އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީ އަދި ޖަޕާނުގެ ޓޯކިޔޯގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވާ، މެލޭޝިޔާ އާއި އިނގިރޭސި ވިލާތުގެއިތުރުން، އިންޑިޔާގެ ޓްރިވެންޑްރަމާއި، ސްރީލަންކާގެ ކޮލަމްބޯގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް މީހުން ރަޖިސްޓަރީވެއްޖެކަމަށެވެ.

ހަބީބް ވިދާޅުވީ ފޮށި ބަހައްޓަން ނިންމާފައިވާ ޤައުމުތަކާއި ސިޓީތަކުގެ ތެރެއިން ސިންގަޕޫރު، ތައިލޭންޑް، އަބޫދާބީ އަދި ޖަޕާނުގައި ވޯޓުފޮށި ބެހެއްޓޭވަރަށް ވޯޓުލާ މީހުން އަދި ރަޖިސްޓަރީކޮށްފައި ނުވާ ކަމަށެވެ. އަދި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރުމުގެ ސުންގަޑި އޮގަސްޓު 2 ވާ ބުދަދުވަހުގެ ނިޔަލަށް ހަމަވާނެކަމަށާއި އެހެންކަމުން ވީހާވެސް އަވަހަކަށް ރީ-ރަޖިސްޓްރީ ކުރައްވައި ނިންމެވުމަށް ހަބީބް އެދިވަޑައިގެންނެވިއެވެ.



ވޯޓް ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު މާލޭ ސިޓީ ރައްޔިތުންނަށް 61 ވޯޓް ފޮށި، މާލޭސިޓީގައި އުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 77 ފޮށި، ހުޅުމާލެ ފޭސް 1ގައި މާލޭ ސިޓީ ރައްޔިތުންނަށް 6 ފޮށި، ހުޅުމާލެ ފޭސް 1ގައި އަތޮޅުތަކުގެ ރައްޔިތުންނަށް 16 ފޮށި، ހުޅުމާލެ ފޭސް 2ގައި މާލޭ ސިޓީ ރައްޔިތުންނަށް 1 ފޮށި، ހުޅުމާލެ ފޭސް 2ގައި އަތޮޅުތަކުގެ ރައްޔިތުންނަށް 16 ފޮށި، ވިލިމާލޭގައި މާލޭސިޓީގެ ރައްޔިތުންނަށް 6 ފޮށި، ވިލިމާލޭގައި އުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 4 ފޮށި ބަހައްޓާނެއެވެ.

މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް ބަލާއިރު އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 78 ފޮށި، މާފުށީ ޖަލުގައި 2 ފޮށި، އައްސޭރި ޖަލުގައި 1 ފޮށި، ހުޅުމާލެ ޖަލުގައި 1 ފޮށި، ދޫނިދޫގައި 1 ފޮށި، ހުޅުލޭގައި 1 ފޮށި، ތިލަފުށީގައި 1 ފޮށި، އިންޑިޔާގެ ޓްރިވެންޑްރަމްގައި 1 ފޮށި، އިންޑިޔާގެ ނިއުދިއްލާގައި 1 ފޮށި، މެލޭޝިޔާ ކުއަލަލަމްޕޫރުގައި 2 ފޮށި، ސިންގަޕޫރުގައި 1 ފޮށި، ސްރީލަންކާ ކޮލަމްބޯގައި 4 ފޮށި، އިނގިރޭސިވިލާތުގެ ލަންޑަންގައި 1 ފޮށި، ތައިލެންޑް ބެންކޮކްގައި 1 ފޮށި އަދި އެކުވެރި ޢަރަބި ޢިމާރާތް އަބޫދާބީގައި 1 ފޮއްޓާއި ޖަޕާން ޓޯކިޔޯ ގައި 1 ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރޭޝަނަށްފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން