ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅުއްވައި އެމަނިކުފާނުގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ދުސްތޫރީ އުޞޫލުތަކާ ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް ނިންމީ ޖިނާއީ ކުށެއް ސާބިތުވެ 11 އަހަރުގެ ހުކުމެއް އެމަނިކުފާނުގެ ތަންފީޒުކުރަމުންދާތީއެވެ.

ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަން ކޮމިޝަނުން މިއަދު ރައީސް ޔާމީންގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅުއްވި ހުށަހެޅުން ބަލައި ނުގަންނަން ނިންމާފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނު އަސާސީން ކަނޑައަޅައިފައިވާ ދުސްތޫރީ އުޞޫލުތަކާ ޚިލާފަށްކަމާއި މެދު އެއްވެސް ޝައްކެއްނެތްކަމަށެވެ.



"ބުނެވުނެ ކެންޑިޑަސީ ޤަބޫލުނުކުރުމަށް އިލެކްޝަންސް އިން ނިންމި ސަބަބަކީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ޝަރުޠު ފުރިހަމަނުވުންކަމަށް ބުނެފައިވާއިރު، އެމާއްދާގެ އެ އަކުރުގައި ބުނެފައިވާ ޖިނާއީ ޙުކުމަކީ ތަންފީޒީ ބާރު ލިބިގެންވާ ޙުކުމެެއްގެ ވާހަކަ ކަން ބުނެވުނު 109 ވަނަ މާއްދާގެ (ޅ) އަށް އެއްކޮށް ބެލުމުން އެނގޭ" ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ ޖިނާއީ ޙުކުމަކަށް ތަންފީޒީ ބާރު ލިބޭނީ އެ ޙުކުމެއް ނިހާއީ ޙުކުމަކަށް ވެގެންކަމަށެވެ. އަދި ޙުކުމެއް ނިހާއީ ޙުކުމަކަށް ވާނީ ޢާންމު އުޞޫލެއްގެ ގޮތުން، އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާ ފަރާތުން އެ ޙައްޤު ޞަރީޙަކޮށް ދޫކޮށްލުން، ނުވަތަ އިސްތިއުނާފު ކުރުމުގެ މުއްދަތުގައި އިސްތިއުނާފު ނުކުރުން، ނުވަތަ އިސްތިއުނާފުގެ ޝަރްޢީ އެންމެހައި މަރްޙަލާތައް ޙުކުމަށް ތާއީދުކޮށްގެން ނިމުމުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީން ތަންފީޒުކުރަމުންދާ ޙުކުމެއް އޮތްކަމަށް އެ ބުނާ ޙުކުމަކީ ޙަޤީޤަތުގައި އިސްތިއުނާފުކުރުމުގެ ސަބަބުން ތަންފީޒު ކުރުން ޤާނޫނީގޮތުން ހުއްޓިފައިވާ ޙުކުމެއްކަމަށެވެ. އަދި ޝަރުޢީ ނިޒާމުން ރައީސް ޔާމީން ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ޙުކުމް ތަންފީޒުކުރާ ޖަލެއްގައި ބަންދުގައި ބެހެއްޓުމަކީ، އެއީ ތަންފީޒުކުރަމުންދާ ޙުކުމެއްކަމަށް ބަލަންޖެހޭ ސަބަބެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމި މައްސަލަ، ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ޕީޕީއެމްއިން ވަނީ ނިންމާފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވި ހުށައެޅުން، ޤަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމެވި ނިންމެވުމަކީ ސައްޙަ ނިއްމެވުމެއް ނޫންކަމަށެވެ.

އެހެންކަމުން މި މައްސަލަ އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ޓީމުން ކުރަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން