ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމުމާއެކު ޕީޕީއެމް ސެނެޓްގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ހޫނުވެ ބޮޑު ޒުވާބެއް ހިނގައިފިއެވެ.

އަންނަ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އިލެކްޝަން ކޮމިޝަނަށް ހުށައެޅި ފޯމް ބަލައިނުގަތުމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ. އެކަމާ މެދު ޕީޕިއެމްގެ ތެރޭގައި ވަރަށް ބޮޑަށް ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

އެގޮތުން ޕީޕިއެމްގެ ސެނެޓްގައި ބައެއް މެމްބަރުން ދައްކަވާފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓްތަކެއް އާންމުވެފައިވާއިރު އެއްބަޔަކު ބޭނުންވަނީ ސެނެޓްގެ ބައްދަލުވުމެއް ބާއްވައި، ޔާމީނަށް ފުރުސަތު ގެއްލިއްޖެ ނަމަ، ދެން ކަންތައް ކުރަންވާ ގޮތް ކުރިން ނިންމުމަށް ކަމަށް އެނގިފައިވެއެވެ. އެހެން ނަމަވެސް ސެނެޓްގެ ބައްދަލުވުމަށް ދިޔުމަށް ލީޑަޝިޕުން މިހާތަނަށް ނިންމާފައިވާއިރު ލީޑަރޝިޕުން މަސައްކަތް ކުރަނީ ޔާމިންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ނިންމުން ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް ހުށައެޅުމަށެވެ.

އެމައްސަލައިގައި ޕީޕިއެމް ތެރެ ހޫނުވެ އެއްބަޔަކު އަނެއް ބަޔަކަށް މިއަދު ވަނީ ސެނެޓްގެ ވައިބާ ގުރޫޕްގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެގޮތުން ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. ހަލީލާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއާ ދެމެދު ވަނީ ހޫނު ޒުވާބެއް ހިނގާފައެވެ. ޕީޕިއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ.ހަލީލް ވިދާޅުވީ ޕާޓީގެ އަނދިރި ކޮޓަރިއެއްގައި ކުރެވޭ މަޝްވަރާއިން ހައްލު ލިބޭ ތަނެެއް އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ހަލީލު ވިދާޅުވީ ޔާމީން މިނިވަން ކުރެވޭނީ ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ކަމަށެވެ. އަދި ސެނެޓުން ޔާމީނަށް އިތުބާރުކުރާތީ ސެނެޓްގެ ބައްދަލުވުމެއް ބާއްވަން އޭނާ ވަނީ ގޮވާލައްވާފައެވެ.

ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ޔާމީނަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލުނީ ކަމަށް ޑރ. ހަލީލް ނިންމެވީތީ އެކަމާ މެދު ހިތާމަ ކުރަށްވާ ކަމަށާއި އެމަނިކުފާނަށް އެ ދޮރު ބަންދުނުވާ ކަމަށެވެ. އަދި ޑރ.ޚަލީލް އުޅުއްވަނީ ރައީސް ޔާމިންގެ އަތުން ޕާޓީ ޖަހައިގަންނަން ކަމަށް ވިދާޅުވެ ޝުޖާ ވަނީ ބޮޑު ތުހުމަތެއް ކުރަށްވާފައެވެ.

އެގުރޫޕަށް ހަލީލް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޔާމީނަށް ކުރިމަތިލެއްވޭ ގޮތް ވުމަކީ ސެނެޓްގެ ހުރިހާ މެމްބަރުން އެދޭ ގޮތް ކަމަށެވެ. އެމަނިކުފާނަށް ކުރިމަތިނުލެއްވޭ ހާލަތު އަންނަ އިރު 7 އޮގަސްޓްގެ ކުރިން، މި ވަގުތު އެކަމަށް ހައްލެއް ނެރެން ޖެހޭނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

އެ މެސެޖަަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ އެވަރުގެ ކަންބޮޑުވުމެއް އޮންނަންވާނީ 7 އޮގަސްޓްގެ ފަހުން ޔާމީން ގޮތެއް ނުދައްކަވައި، މަގެއް ނުދެއްކެމުން ކަމަށެވެ.

ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ހުރިހާ ބޭފުޅުން ކެތްތެރިކަމާއިއެކު ޕާޓީގައި ތިއްބެވުމަށް އަދުރޭ އެދިވަޑައިގެންނެވިއެވެެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މިހާތަނަށް ވެސް މި ކޯލިޝަން ކުރިއަށް މި އައީ އަދި ދެން ވެސް ކުރިއަށް ދާންވާނީ ޔާމީންގެ ލަފާފުޅާއި އިރުޝާދާ އެކު ކަމަށެވެ.

އަދި ހިޔާލު ތަފާތުވިޔަސް މިވަގުތު، މުޅި ކޯލިޝަންގެ ބަދަހިކަމަށް އިސްކަން ދެއްވުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ހުށައެޅުއްވި ފޯމް ބަލައިނުގަތުމަަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އެމަނިކުފާނަކީ ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ ބޭފުޅަކަށްވެފައި އެޙުކުމް ތަންފީޒުކޮށް ނިމިފައި ނުވާކަން ކުށުގެ ރެކޯޑަށް ބެލުމުން އެނގޭތީ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. ރައީސް ޔާމިންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީ އިން ނިންމި ނިންމުން މާދަމާ ސްޕްރީމް ކޯޓަށް ހުށައެޅުމަށް ޕީޕިއެމްގެ ލީޑަރޝިޕުން އަންނަނީ ތައްޔާރުވަމުންނެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމިނަށް ކުރިމަތިނުލެވިއްޖެ ހާލަތެއްގައި ޕީއެންސީގެ ކެންޑިޑޭޓެއް ނެރުމަށް އެމަނިކުފާނު މިހާރު ވަނީ ލީޑަރޝިޕަށް އަންގަވާފައެވެެ. އެހެން ނަމަވެސް ލީޑަރޝިޕުން ވަނީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބާރު ޔާމިނަށް ދިނުމަށް ފާސްކޮށްފައެެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނުގައިވާ ގޮތުން ކެނޑިޑޭޓެއްގެ ކެންޑިޑެސީއާ މެދު އީސީން ނިންމާ ގޮތަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަސް ލިބޭނެ އެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހަޅާ އެފަދަ މައްސަލަތައް ހަތް ދުވަސްތެރޭ ނިންމަން ޖެހެއެވެ.

ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެމަނިކުފާނުގެ ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން