ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކެންޑިޑެސީ ގަބޫލު ނުކުރަން އިލެކްޝަން ކޮމިޝަނުން ނިންމައި ހަވާލުކުރި ލިޔުމަށް ކޮމިޝަނުން ބަދަލު ގެނެސްފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ ގަބޫލުނުކުރި ލިޔުން އިލެކްޝަން ކޮމިޝަނުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބަދަލު ކުރި ލިޔުމާއި ހަވާލުވާން އެ ކޮމިޝަނުން ގުޅުއްވި ކަމަށާއި އެހެން ނަމަވެސް އެ ލިޔުމާއި ހަވާލުވާން ދެކޮޅު ހަދާފައިވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.

ތޮލާލު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ފޮނުވާ އިތުރު ލިޔުމަކާ ހަވާލުނުވާނެކަން ވެސް އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި މުއާމަލާތް ކުރާނީ ސުޕްރީމް ކޯޓް މެދުވެރިކޮށް ކަމަށް އަންގާފައިވާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު މިއަދު ހެނދުނު އީސީއަށް ހުށައެޅުއްވީ އެމަނިކުފާނުގެ އިންތިޚާބީ އެޖެންޓު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ. އީސީގެ ފަރާތުން، ފޯމާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމުގައި ބުނެފައިވަނީ އެމަނިކުފާނަކީ ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ ބޭފުޅަކަށްވާތީއާއި އެޙުކުމް ތަންފީޒުކޮށް ނިމިފައި ނުވާކަން ކުށުގެ ރެކޯޑަށް ބެލުމުން އެނގޭކަމަށެވެ.

“ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ޔާމީން ޢަބްދުލްޤައްޔޫމްގެ ކިބައިގައި ފުރިހަމަ ނުވުން.” އީސީގެ ނިންމުމުގައިވެއެވެ.

އިލެކްޝަން ކޮމިޝަނުން ރައީސް ޔާމިންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމި ނިންމުން ބާތިލް ކުރުމަށް މާދަމާ ސްޕްރީމް ކޯޓަށް ހުށައެޅުމަށް ޕީޕިއެމުން އަންނަނީ ތައްޔާރުވަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން