ޤައުމުގައި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަކީ ޔުނީފޯމުގައި ތިބޭ ބަޔަކު އެކަނި ކުރަންޖެހޭ މަސައްކަތެއްކަމަށް ނުދެކި، ޤައުމުގައި ތަރައްޤީއާ އަމާންކަމާ ތަހުޒީބު ބޭނުންވާނަމަ ކޮންމެ މީހެއްގެވެސް ވާޖިބެއް އޮންނަކަން ޤަބޫލުކޮށް ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް އެންމެން މަސައްކަތް ކުރަންޖެހޭނެކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 35ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހުގެ ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ޤައުމެއްގައި ފުލުހުންގެ ޚިދުމަތް މުހިންމުވާނެ މިންވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ޤައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް އެންމެ ބޭނުންވާނީ އަމާންކަމާ، ހުރިހާ ރައްޔިތުން ޙިމާޔަތްކުރެވިފައިވާ ވެއްޓެއް ޤާއިމުވެފައި އޮތުން ކަމަށެވެ. އެކަން ކުރުމުގައި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ފުލުހުންކަން ނައިބް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.



މީގެ އިތުރުން ނާއިބް ރައީސް ވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަދި ރައްޔިތުންގެ އިތުބާރު ހޯދައި ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޒަމާނީ ވަޞީލަތްތައް ހޯދައި ޒަމާނާ އެެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިއަދު ޒުވާނުން އިސްކަންދޭންވީ ޤައުމަށް ޙިދުމަތްކުރަންކަމަށާއި، ޤައުމަށް ޚިދުމަތްކުރުމަކީ ފަޚުރެއްކަމަށް ހަދަންޖެހޭކަމަށެވެ. އަދި އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ބައްޓަންކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓާއި ޕްލާކް ޙަވާލުކޮށްދެއްވާފައެވެ.

ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހަކީ ފުލުހުންގެ ޚިދުމަތާ ގުޅޭ މީހުންްގެ ތެރެއިން ޔުނީފޯމުގައި މަސައްކަތްކުރާ ކޮންމެ ޕޮލިސް އޮފިސަރަކު ފުރިހަމަ ކުރަންޖެހޭ ފުލުހުންގެ އަސާސީ ތަމްރީނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން