ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ޝަރުތު ހަމަނުވާތީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޔާމީނުގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"މިއަދު މިކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް. ހައްގަށް ނަޞްރު ލިބިގެންދާނެ،" ކުރީގެ ނާއިބް ރައީސް ޑރ. ޖަމީލު ވިދާޅުވި އެވެ.



ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށައެޅުމުން އެ ފޯމް ބަލައިނުގަތުމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

ފޯމް ބަލައިނުގަތުމަަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމުގައި ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އެކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ޔާމިންގެ ކެންޑިޑެސީ ގަބޫލު ނުކުރި ލިޔުމަަށް އިލެކްޝަން ކޮމިޝަނުން ފަހުން ވަނީ ބަދަލު ގެނެސްފައެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ޔާމިންގެ އިންތިޚާބީ އެޖެންޓް މުހައްމަދު ތޮލާލް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ ގަބޫލުނުކުރި ލިޔުން އިލެކްޝަން ކޮމިޝަނުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބަދަލު ކުރި ލިޔުމާއި ހަވާލުވާން އެ ކޮމިޝަނުން ގުޅުއްވި ކަމަށާއި އެހެން ނަމަވެސް އެ ލިޔުމާއި ހަވާލުވާން ދެކޮޅު ހަދާފައިވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.

ތޮލާލު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ފޮނުވާ އިތުރު ލިޔުމަކާ ހަވާލުނުވާނެކަން ވެސް އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި މުއާމަލާތް ކުރާނީ ސުޕްރީމް ކޯޓް މެދުވެރިކޮށް ކަމަށް އަންގާފައިވާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން