އަންނަ ރިޔާސީ ދައުރުގައި ގެސްޓް ހައުސް އަޅަން ވަކި ފަންޑެއް ހުޅުވައި ލުއި ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެެެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ބާރަށަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އަލަށް ވިޔަފާރި ފަށާ މީހުންނާއި، މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް ގެސްޓުހައުސްތަކަށް ފަންޑެއް ހުޅުވައި އޭގެ ތެރެއިން ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ.

"އިރާދަކުރެއްވިޔާ ކުރިއަށް މިއޮތް ދައުރުގެ ތެރޭގައި އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ގެސްޓް ހައުސް އެޅުމަށްޓަކައި ވަކިން ފަންޑެއް އަޅުގަނޑުމެން ހުޅުވައި އޭގެން ލުއި ލޯނު ލިބޭނެ ގޮތް ހަދައިދޭނަން. އޭގެސަބަބުން ރަށުގައި ތިބެ، ވަޒީފާގައި މަސައްކަތްކޮށް އާމްދަނީ ލިބި ރައްޔިތުންނަށް ފަސޭހަވެގެން ދާނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ފައްކާކުރުމަށް ބާރަށަކީ ރަނގަޅު ރަށެއް ކަމަށެވެ. އެގޮތުން، ކައިރީގައި އެއާޕޯޓެއް އޮތް ކަމަށާއި، އެއީވެސް ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް ތަނަވަސް ދޮރެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން ބާރަށުގެ ހުރިހާ ގެއަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ސްކޫލުގެ މަސްޓިޕާޕަސް ހޯލާއި، ސްކޫލު އޮފީސް އިމާރާތްކުރައްވާނެ ކަމަށެވެ. އަދި އަންނަ ދައުރުގައި ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި ރިންގު ރޯޑެއް ގާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން