ޖަޒުބާތުގައި ޖެހިގެން ވޯޓަށް އަސަރުކުރާ ފަދަ ކަމެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު ހއ. ފިއްލަދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވަނީ ހިތްހަމަނުޖެހޭ ކަމެއް އޮތްނަމަވެސް ޖަޒުބާތުގައި ޖެހި ވޯޓަށް އަސަރު ކުރާ ކަމެއް އެއްވެސް މީހަކު ނުކުރުމަށް އެދިވަޑައިގެންފައެވެ.



ހިޔާލުތަފާތުވުންތައް މިވަގުތު ހުއްޓަސް މިއީ މުޅި ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭ ވަގުތު ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ތަފާތު ހިޔާލުތަކާއެކީ ކުރިއަށްދާން ދަސްކުރަން ވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އެއްތަންކުރަންޖެހޭ ކަމަށެވެ. އަދި ކަންކަން ނިއްމަންވީ މުޅި ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ބަލައި ގައުމަށް އެންމެ ރަނގަޅުގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިސްކުރަން ވާނީ ގައުމީ މަސްލަހަތު، މުޅި ރާއްޖޭގެ ތަރައްގީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އަންނަ ސެޕްޓެންބަރު 09 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެމަނިކުފާނަށް ވޯޓް ދެއްވައި އުފާވެރި އަމާން ރާއްޖެ އަކަށް ކުރާ ދަތުރުގައި ބައިވެރިވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެެވެ. އަދި އޭރުން އެ އަތޮޅަށާއި ބޮޑުތިލަދުންމައްޗަށް ވެސް އަދި މުޅި ގައުމަށް ވެސް އެކަމުން ލިބޭނީ ފައިދާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން