ރަނިންމޭޓެއް ކަނޑައެޅުމަށްފަހު، ވަރަށް އަވަހަށް ފޯމް ހުށަހަޅުއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހުޅުވާލާފައިވާ ފުރުސަތު އަންނަ ހޯމަދުވަހު ބަންދުވާނެއެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި މިހާރު ބޮޑުތިލަދުންމަތީގައި އުޅުއްވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ސާލިހު ހަނިމާދޫގައި ހުންނަވައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަނިންމޭޓްކަމަށް ހަމަޖައްސަވާނެ ބޭފުޅެއް މިރޭ ނޫނީ މާދަމާ ކަނޑައަޅުއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު މަސައްކަތްޕުޅު ކުރައްވަމުންދަނީ ބުރާސްފަތި ނުވަތަ ހުކުރު ދުވަހު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ފޯމް ހުށަހެޅުއްވުމަށްކަމަށެވެ.

"ނަންތަކެއް އެބަހުރި. އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި ގޮތެއް ނިންމާނީ އަޅުގަނޑު ނިންމައިގެން މިހުރީ މިރޭ ނޫނީ މާދަމާ އެކަމުގައި ފައިނަލް ޑިސިޝަނެއް ނަގަން. އިރާދަކުރެއްވިއްޔާ މި ބަލަނީ ބުރާސްފަތި ނޫނީ ހުކުރު ދުވަހު ފޯމް ހުށަހަޅަން." ރަނިންމޭޓެއް ކަނޑައެޅުމާމެދު ސުވާލު ކުރުމުން ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ރަނިން މޭޓް ކަނޑައަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސާފައިވާއިރު، ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ. އަދި އެ މައްސަލަ މިހާރު ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން އެހެން ޕާޓީތަކުން ވާދަކުރަން ނިންމާފައި އޮތްނަމަވެސް އެއްވެސް ޕާޓީއަކުން މިހާތަނަށް ރިޔާސީ ކެނޑިޑޭޓްގެ ފޯމް ހުށަހަޅާފައެއް ނުވެއެވެ. އަދި ރަނިންމޭޓްވެސް އިއުލާންކޮށްފައެއްް ނުވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން