އިދިކޮޅު ޕީޕީއެމަކީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިވާނެ ޗެލެންޖެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް މިއަދު ހަވީރު ހއ. ހަނިމާދޫއަށް ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ އިދިކޮޅު ޕީޕިއެމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް އެމަނިކުފާނަށް އޮތް ޗެލެންޖެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުން ސަރުކާރު ބަލައިގެންފައިވާ ކަމަށާއި އެކަން ކެމްޕޭން ދަތުރުތަކުން ހާމަވަމުން އަންނަ ކަމަށެވެ. ރައީސް ވަނީ ޕީޕިއެމުން ލަސްނުކޮށް ރިޔާސީ ކެންޑިޑޭޓަކުނެރެ ކެމްޕޭން ފެއްޓެވުމަށް އެދިވަޑައިގެންފައެވެ.

"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ރަށްރަށުން އެހެން ކެމްޕޭނުގެ ހަރަކާތްތަކެއް ނުފެނޭ ކުރީ އަހަރާ އަޅާ ބަލާއިރު. މަދު މަދުން ބައެއް ރަށްރަށުގައި ނެގެޓިވް ކެމްޕެއިން ކުރުމުގެ މަސައްކަތްތަކެއް ވަރަަށް މަދުރަަށެއްގައި އެކަން ވެސް ފެނިގެން އެބަދޭ. އެއީ އިންތިހާބެއް ކާމިޔާބު ކުރެވޭނެ ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ ނަމަ ރައްޔިތުންގެ ކައިރިއަށް އައިސް ވައުދުތަކެއް ވާންޖެހޭ ކަމަށެވެ. އެހެން ނަމަވެސް އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު ޕާޓީތަކުގެ ކެންޑިޑޭޓުން އެކަން ކުރާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން ޗެލެންޖެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ ކަމަށް ވަންޏާ ކޮންމެ ބަޔަކު ވެސް ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ އެބަ ދައްކަންޖެހޭ، ރައްޔިތުންނާއި ކައިރިއަށް އަންނަންޖެހޭނެ، ވައުދުތަކެއް ވާންޖެހޭ އެކަންކަން ޑެލިވަރ ކޮށްދޭނެ ގޮތް ކިޔައިދޭން އެބަޖެހޭ، މިއިން އެއްވެސް ކަމެއް އަޅުގަނޑަކަށް ނުފެނޭ އެއިން އެއްވެސް ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ފަރާތުން އެހެންވީމާ މާބޮޑު ޗެލެންޖެއް އެއްވެސް ޕާޓީ އަކުން އޮތްކަަމަކަށް އަޅުގަނޑު ނުދެކެން،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން