އިދިކޮޅު ޕީޕިއެމްގެ ސިޔާސަތަކީ ބާރުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގެ ސިފަ ނައްތާލުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެެވެ.

ހދ. ހަނިމާދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ އިދިކޮޅު ޕީޕިއެމްގެ ސިޔާސަތަކީ ބާރުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގެ ސިފަ ވެސް ނައްތާލުން ކަމަށެވެ. ޕީޕީއެމުން ކޮންމެ ކެންޑިޑޭޓަކު އިންތިހާބަށް ނެރުނަސް ތަންފީޒު ކުރާނީ ޕީޕީއެމްގެ އެ ސިޔާސަތު ކަމަށާއި އެއީ ރައްޔިތުންނަށް ވަރަށް ސާފު ސިޔާސަތެއް ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.



"އިތުރު ބަޔަކު ވެރިކަމަށް އައިސްފިނަމަ ފެށިފައި މިހުރި ހުރިހާ މަޝްރޫއުތަކެއް ހުއްޓުމަކަށް ގެންނާނެ، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ އެބޭފުޅުން (ޕީޕިއެމް) ސިޔާސަތު އެއްތަނަކަށް ބާރުތަށް ޖަމާކުރުން، މީހުން އެއްތަނަކަށް ޖަމާކުރުން، މުޅި ދިވެހި ރާއްޖޭގެ ސިފަ ނައްތާލުން،" ކުރީގެ ރައީސް ޔާމިން ގެންގުޅުއްވާ އެއްފަސްކުރުމުގެ ސިޔާސަތަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރާއި މި ސަރުކާރު ވެސް ރައްޔިތުން ޓެސްޓުކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ރައްޔިތުން މިހާރު ޓެސްޓުކޮށް ނިންމާފައި އޮތް ސަރުކާރަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް ދެން ވެސް ބޮޑު ބަދަލު ގެންނާނީ މި ސަރުކާރުން ކަމަށެވެ. އިދިކޮޅުގައި ތިއްބެވި ފަރާތްތަކުގެ ކިބައިގައި އެކަން ކުރުމުގެ ވިޝަނެއް ނެތް ކަމަށްވެސް ރައީސް ސާލިޙު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި ސުވާލުކޮށްލަން ވެސް ނޫސްވެރިއަކު ބަންދުގައި ބަހައްޓާފައި ނުވާނެ ކަމަށާއި އޭރު އޮތް ބިރުވެރިކަން މިހާރު ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއްވެސް ކަމެއް ސަރުކާރަކަށް އޭރަކު ނުކުރެވޭ ޚިޔާލު ތަފާތުވާ މީހަކު ޖަލުގައި ބައިންދައިގެން ނޫނިއްޔަކާ އެއް، ބިރުވެރިކަމެއްގައި ރައްޔިތުން ތިބެންޖެހުނީ އަނގައިން ބުނާ ކޮންމެ މީހަކު ކޮންމެ ނޫސްވެރިއެއް ކޮންމެ ޓީވީ ޗެނަލެއް ޖޫރިމަނާ ކުރަމުން ގެންދިޔައީ. އެހެން ނަމަވެސް މިއަދު ވެސް މިކުރަނީ ވެރިކަމެއް އެއްވެސް މީހަކު ބަންދެއް ނުކުރަން. ސިޔާސީ ބޭނުމަކު ނޫސްވެރިއަކަށް ސުވާލެއް ކޮށްލަން ވެސް ބަންދުގައި ބައިންދާފައެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން