އަތޮޅުތަކުގެ ތަރައްގީއަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ހުޅުވާލެވިފައިވާ ބަޖެޓެއް ކަނޑައަޅާފައިކަމަށާއި، އެކަމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ކުރީގެ ވެރިންގެ އަރިހުން ރަށްރަށުގެ ރައްޔިތުން ޖެހެނީ ސަލާންޖަހަންކަމަށެވެ. އަދި އެގޮތަށް ކަންކަމުގައި ދަންނަވާއިރުވެސް ކަންކަން ކޮށްދެއްވަނީ ވަކި ލިމިޓެއްގެ ތެރެއިންކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

" އެހެން ރައީސުން ރަށްރަށަށް ގޮސްފައި މި ބުނަނީ ރައްޔިތުން ކައިރީގައި ބުނާށޭ ދެކަމެއް ނޫނީ އެންމެ ގިނަ ވެގެން ތިން ކަމެކޭ ތިމަންނާ ކައިރީގައި އަހަންޖެހޭނީ. ރައްޔިތުން މި ބުނަނީ ތިން ކަމަކުން ނުވާނެއޭ"

ސިޔާމް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު ތަފާތަކީ އަތޮޅުތައް ބާކީނުކުރުންކަމާށެވެ.އެގޮތުން ރަށްރަށަށް ކަންކަން ކޮށްދެއްވާއިރު ވަކި އަދަދަކަށް ބެއްލެވުމެއް ނެތި ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ރައީސް ސާލިހު ކޮށްދެއްވާކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

" ރައީސް ސާލިހުގެ ފަރާތުން ފެންނަ މަންޒަރު ތަފާތު. ރައީސް ސާލިހު ވިދާޅެއްނުވޭ ވަކި އަދަދެއް. ވިދާޅުވަނީ ރައްޔިތުންެ ބޭނުންވާ ކޮންމެ ކަމެއްް ދަންނަވަން. އެއީ ރައްޔިތުންނަށް ކަންކަން ކޮށްދެން ދަހިވެތިވެފައިވާ ލީޑަރުން" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރައީސް ސާލިހުއަކީ ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތް ކުރުމުގެ މިސާލެއްކަމަށެވެ. އަދި އެމަނިކުފާނު ހިކުމަތްތެރިކަމުގެ ކާމިޔާބުކަން ސާބިތުވެފައިވާ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރައީސް ސާލިހުގެ ދެވަނަ ދައުރާއެކު ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން