ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތުގައި އެ ޓިކެޓް ދެއްވާނެ ބޭފުޅަކު ކަނޑައެޅުމުގެ ވޯޓުގައި މާލެ ސިޓީގެ މޭޔަރ މުހައްމަދު މުއިއްޒުއާއި ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވާދަކުރައްވަން ނިންމަވައިފިއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ވާދަކުރައްވާނެ ކެނޑިޑޭޓެއް ދެއްކުމަށް ޕީއެންސީއަށް އަންގާފައެވެ. އަދި އެ ބޭފުޅަކީ ޕީއެންސީއާއި ޕީޕީއެމްގެ ލީޑަރޝިޕުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅަކަށް ވާންޖެހޭނެކަމަށްވެސް ރައީސް ޔާމީން އަންގަވާފައިވެއެވެ.

ނަމަވެސް ދެ ޕާޓީގެ ލީޑާޝިޕުން ނިންމީ ރައީސް ޔާމީން ކެނޑިޑޭޓެއް ކަނޑައެޅުމަށެވެ. ތަކުރާރުކޮށް ރައީސް ޔާމީން ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ. އެހެންކަމުން ޕީއެންސީއާއި ޕީޕީއެމްގެ ލީޑަރޝިޕުން ވަނީ ރައީސް ޔާމީންގެ ބަދަލުގައި ޕީޕީއެމްގެ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމުގެ މަސައްކަތް ފަށާފައެވެ.

ޔާމީންގެ ބަދަލުގައި ވާދަކުރައްވާ ކެންޑިޑޭޓްކަމަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ދެ ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެއީ މާލެ ސިޓީގެ މޭޔަރ މުހައްމަދު މުއިއްޒު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ.

އާދަމް ޝަރީފަކީ ރައީސް ޔާމިންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރެވެ. ފިނިފެންމާ ލޯންޗުގައި ބޮން ގޮއްވާލި ހާދިސާއަށްފަހު ސަރުކާރަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވި އާދަމް ޝަރީފަކީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރެކެވެ.

2018 ވަނަ އަހަރު ޕީޕީއެމްގެ ވެރިކަން ނިމުމަކަށް އައުމުންވެސް އާދަމް ޝަރީފަކީ ޕާޓީގެ އިސް ސަފުން އޭރު ފެނުނު މަދު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

ޕީޕީއެމްގެ ޓިކެޓަށް ވާދަކުރައްވާ އަނެއް ބޭފުޅަކީ މާލެ ސިޓީގެ މޭޔަރ މުހައްމަދު މުއިއްޒުކަމަށް މައުލޫމާތު ލިބިފައިވެއެވެ. މުއިއްޒުއަކީ އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި އެމްޑީއޭގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ސިޔާސީ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ޑރ. ވަހީދު ސަރުކާރުގައި މުއިއްޒު ހައުސިންގ މިނިސްޓަރުކަމާއި ހަވާލުވީ އަދާލަތުގެ ސްލޮޓްގައެވެ. ރައީސް ޔާމީން ސަރުކާރުގައި ފުރަތަަމަ މިނިސްޓަރުކަމަށް ވަޑައިގަތީ އެމްޑީއޭގެ ސްލޮޓެއްގައެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ޓިކެޓަށް މުއިއްޒު ވާދަކުރައްވާނެކަމުގެ އަޑުތައް މީގެކުރިންވެސް އޮތީ ފެތުރިފައެވެ. ނަމަވެސް މިހާތަނަށް އައިއިރު އެކަން އޭނާ ހާމަކުރަށްވާފައެއް ނުވެއެވެ. ނަމަވެސް ޕީޕީއެމް-ޕީއެންސީގެ ޓިކެޓަށް ވާދަކުރެއްވުމަށް ނިންމަވާފައިވާކަން އޭނާ މިހާރު ވަނީ ޕާޓީއަށް އަންގަވާފައެވެ. ނަމަވެސް އެކަން ކަށަވަރުވާނީ މާދަމާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން