ނ. މާފަރު ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫޢުގެ ދަށުން، ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި، 40.20 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ.



މި މަޝްރޫޢަކީ 68.84 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

1200 މީހުންގެ އާބާދީއެއް އޮންނަ މާފަރު ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މައިގަނޑުގޮތެއްގައި މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. މި ގޮތުން މަތީ ފަންތީގައި ހިންގަމުންދާ 7 ރިސޯޓެއް މި އަތޮޅުގައި މިހާރުވެސް އޮތުމާއެކު، ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާކުރަމުން ދަނީ މި ރިސޯޓްތަކުގައެވެ. އަދި މާފަރުގައި އެއަރޕޯޓްވެސް އޮތުމާއެކު، ގެސްޓްހައުސް ވިޔަފާރި ކުރިއެރުވަމީ އެ ރަށު ރައްޔިތުންގެ ބޮޑު އުންމީދެކެވެ.

އެ ރަށު ރައްޔިތުންނަށް އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 5 އަހަރު ކުރިން ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. ހަމައެހެންމެ، މި ރަށް އުފެދިފައި އޮތްގޮތުން ރަށުގެ ދެބައިކުޅަ އެއްބައި އެއަރޕޯޓްގެ އިހްތިޞާސް ތެރޭގައި އޮތުމާއެކު، ރަށުގެ މުސްތަޤުބަލަށާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްޓަކައިރަށަށް ބިން އިތުރުވުމަކީ މުޙިންމު ކަމެއްގެގޮތުގައި ރަށު ރައްޔިތުން ދެކެއެވެ. އެހެންކަމުން، މިއަދު ސޮއިކުރެވޭ މާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މާފަރުގެ މުސްތަޤުބަލު އިތުރަށް އުޖާލާކޮށް ދިރުވުމަށްޓަކައި ރަށު ރައްޔިތުންނަށް ފަހި ފުރުޞަތުތަކެއް މުސްތަޤުބަލުގައި ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން