ޖުމުހޫރީ ޕާޓީގެ ސަރުކާރެއްގައި ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް ނޫނީ އެއްކަމެއް ވެސް ނުކުރަށްވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެެވެ.

ރައީސްގެ ކުރީގެ އެޑްވައިޒަރު މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް މ.ކުނޫޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ހުރިހާ ކަމެއް ކުރަށްވާނީ ރައްޔިތުންނަށް ދެ ފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ނަން ބޭނުންކޮށްގެން ފޮނުވާ ތަފާތު އެކި ލިޔެކިއުންތަކާއި ވާ އެއްބަސްވުންތަކުގެ ތަފްސީލު އާންމުކޮށް އެނގެން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެހެނެއް ނޫން އަޅުގަނޑުމެންގެ ސަރުކާރެއްގައި ކަން ކުރާނީ، ސަރުކާރުން ކުރާ ކަންތައްތައް ރައްޔިތުންނަށް ދެފުށް ހާމަ އަށް ނުފެންނަ ހަމަ އެއްކަމެއް ވެސް ނުކުރާނަން އިނގޭތޯ، ހަމަ އެއްކަމެއް ވެސް ނުކުރާނަން، އެންމެ ސުވާލެއް ވެސް ކުރާކަށް ނުޖެހޭނެ،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ގާސިމް ވިދާޅުވިއެެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ އެމަނިކުފާނު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ސިޔާސީ ހަނގުރާމައެއް ކުރެއްވުމަށް ނޫންކަމަށެވެ. އަދި އެމަނިކުފާނުގެ ބޭނުންފުޅަކީ ދިވެހިންނަށް ހެޔޮ ގޮތް ހޯދައިދިނުންކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ 1984ވަނަ އަހަރުން ފެށިގެން ރައްޔިތުންނަށްޓަކައި ގިނަ މަސައްކަތްތަކެއް އެމަނިކުފާނު ކުރަށްވާފައިވާ ކަމަށެވެ. ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަަށް ކުރިއަށް އޮތްތަނުގައި ޖޭޕީ ރިޔާސީ ރޭހުން ކާމިޔާބު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިއަކު ހޮވުމުގައި ރައްޔިތުން ބަލަންވީ، މާޒީގެ ދުވަސްތަކުގައި ވެސް އެ މީހަކު ރައްޔިތުންނަށްޓަކައި ކުރި ހިދުމަތާއި ގައުމުގެ ހައްގުގައި ކުރި މަސައްކަތްތަކަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވޯޓް ދިނުމުގައި ބަލަންވީ ބޮޑު ޕާޓީއާއި ކުޑަޕާޓީއަށް ވެސް ނޫންކަމަށެވެ. އަދި ރައްޔިތުން ވޯޓް ދިނުމުގައި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ރޫހު ހުރި، އިސްތިގުލާލު ދަމަހައްޓައި ގައުމުގެ ކުރިއެރުމާއި މެދު އައު ވިސްނުންތައް ގެންގުޅޭ މީހުންނަށް ކުރިޔަށް ދިއުމަށް ޖާގަ ދިނުމަށް ގާސިމް ވަނީ ގޮވާލައްވާފައެވެ.

ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ގެނައުމުގައި ހަމްދަރުދީ އާއި ލޯބީގެ ނަޒަރަކުން ބަލާނެ ވެރިއެއް ހޯދުން މުހިންމުކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން