ރައީސް ޔާމިން އަދި ރައީސް ސާލިހު
ރައީސް ޔާމިން އަދި ރައީސް ސާލިހު
ކޮންމެެ ކެނޑިޑޭޓަކަށްވެސް ގިނަަވެގެން ހަރަދުކުރެވޭނީ 564 މިލިއަން ރުފިޔާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރަންވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިޚާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ކޮންމެ މީހަކަށް

-/2000 (ދެހާސް) ރުފިޔާގެ މަގުން ހިސާބު ކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދަކަށްކަމަށެވެ.

އެގޮތުން، ރިޔާސީ އިންތިޚާބު 2023 އަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 282,395 ކަމަށްވާއިރު، ކޮންމެ ކެންޑިޑޭޓަކަށްވެސް ރިޔާސީ އިންތިޚާބާ ގުޅިގެން ޚަރަދުކުރެވޭނެ އެންމެ މަތީ އަދަދަކީ 564,790,000 (ފައްސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން ހަތްލައްކަ ނުވަދިހަ ހާސް) ރުފިޔާކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 70 ވަނަ މާއްދާގެ ދަށުން

ބައެއް ފަރާތްތަކުންދޭ އެހީ ޤަބޫލު ނުކުރެވޭނެ ކަމަށެވެ. އެއީ:-

ހ. ބިދޭސީންނާއި ބިދޭސީ ފަރާތްކާއި، ބިދޭސީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި،

ށ. ބިދޭސީ ސަރުކާރަކުން ނުވަތަ ބިދޭސީ ޖަމާޢަތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި،

ނ. ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި،

ރ. ނަން ހާމަކުރުމަށް ބޭނުންނުވާ ފަރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި،

ބ. ޤާނޫނީގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ފިޔަވައި ދައުލަތުގެ އިދާރާއަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި،

ޅ. ސަރުކާރުގެ ހިއްސާއެއް ހިމެނިގެންވާ އެއްވެސް ކުންފުންޏަކުން ނުވަތަ ތަނަކުން ދޭ ފައިސާ ނުވަތަ ތަކެތި،

ހަބީބް ވިދާޅުވީ ‏އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކޮންމެ ކެންޑިޑޭޓަކަށްވެސް ފައިސާ ނުވަތަ ތަކެތި ހޯދިދާނެކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބު 2023 ގައި، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ވަކިފަރުދަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 2,823,950 (ދެމިލިއަން އަށްލައްކަ ތޭވީސްހާސް ނުވަސަތޭކަ ފަންސާސް) ރުފިޔާކަމަށް ގާނޫނުގައިވެއެވެ. އަދި ރިޔާސީ އިންތިޚާބު 2023 ގައި، އިންތިޚާބާ ގުޅިގެން ކެނޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި ޤާނޫނީ ޝަޚުޞަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 11,295,800 (އެގާރަ މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް އަށްސަތޭކަ) ރުފިޔާކަމަށްވެސް ގާނޫނުގައިވެއެވެ.

މިގޮތުން، ލިބޭ އެންމެހައި ފައިސާ ލިބުނު ފަރާތާއި، ލިބުނު ގޮތާއި، ލިބުނު ޢަދަދުގެ ރެކޯޑުތައް އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓް ބަލަހައްޓަން ވާނެކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނުގައިވާ ގޮތުން ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި އެއްވެސް ފަރާތަކުން ދޭ ފައިސާއެއް ނުވަތަ އެއްޗެއް ދިން ފަރާތް ސިއްރު ކޮށްގެން ނުވަތަ އޮޅުވާލައިގެން ނުވާނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެއެވެ. ނަމަވެސް ވޯޓް ކަރުދާހުގައި އޮންނާނެ ނަންތަކެއް އަދިވެސް ޔަގީނެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން