ފ. ބިލެއްދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް

އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

1430 މީހުންގެ އާބާދީއެއް އޮންނަ ބިލެއްދޫ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި ޢާއްމުގޮތެއްގައި ކޮށްއުޅޭ މަސައްކަތްތަކަކީ ފަންގި ވިނުމާއި، ފެހުމާއި، ފާނަ މަސްވެރިކަމެވެ. އެގޮތުން ފާނައިގެ މަސްވެރިކަން ކުރާ 30 ވަރަކަށް އުޅަނދު މިހާރުވެސް ރަށުގައި އޮންނަކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. ބިމުގެ ޖާގައިގާ 31 ހެކްޓަރު އޮތް މި ރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ހުސް ބިން ނެތުމުގެ ސަބަބުން ފާއިތުވެދިޔަ 15 ވަރަކަށް އަހަރު ގޯތި ދޫނުކުރެވި އޮތް މައްސަލައެވެ. އަދި ގޮނޑުދޮށް ގިރައިގެން ގޮސް ކައިރި ގޭގެއަށް ރާޅު އެރުމަކީވެސް ބިލެއްދޫ ރައްޔިތުންގެ ދުވަސްވީ ޝަކުވާއެކެވެ.

މިއަދު ސޮއިކުރެވޭ ބިލެއްދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރައްޔިތުންގެ ބޯހިޔާވަހިކަމަށް އޮތް ޝަކުވާތަކަށް ނިމުމެއް އައިސް ބޮޑު ހައްލެއް ބިލެއްދޫ ރައްޔިތުންނަށް ލިބިގެން ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން، ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި، 10 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 589 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 470 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމު ގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 59.95 މިލިއަން ރުފިޔާއަށް 500 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން