ޖުމްހޫރީ ޕާޓީ ވެރިކަމަށް ގެންނަން ކުރާ މަސައްކަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރެއްވޭނެ ބޭފުޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިނގިރޭސިވިލާތުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު އަލީ ވަހީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަމަހުގެ 11 ވަނަ ދުވަހުއެވެ. ރާއްޖެ ވަޑައިގެންނެވުމަށްފަހު އޭނާ އެންމެ ފުަރަތަމަ ބައްދަލު ކުރެއްވި ސިޔާސީ ލީޑަރަކީވެސް ގާސިމް އިބްރާހިމެވެ. މިމަހުގެ 14 ވަނަ ދުވަހު އޮތް ބައްދަލުކުރެއްވުމަށްފަހުވެސް އަލީ ވަހީދު ވިދާޅުވީ އޭނާއަކީ އަދިވެސް ޖޭޕީގެ މެމްބަރެއްކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ބުރާސްފަތި ދުވަހު ވަނީ އެމަނިކުފާނުގެ އިސް ސިޔާސީ މުޝީރު ކަމާއެކު، ކެންޕޭން އެޖެންޓްކަމުގެ މަގާމަށް އަލީ ވަހީދު އައްޔަން ކުރައްވާފައެވެ.

ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސް މުޝީރު ކަމާއެކު، ކެންޕޭން އެޖެންޓްކަން ޤަބޫލުކޮށް، ސިޔާސީ މަސައްކަތަށް އެނބުރި ވަޑައިގެންނެވިކަމީ ނުހަނު އުފާ ކުރަށްވާ ކަމެއްކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ "ފޭވަރިޓުން" ނުވަތަ އިންތިހާބުގައި ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ބެލެވޭ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް، ގާސިމް ވިދާޅުވީ އެ ޕާޓީއާއި، އަދި އެމަނިކުފާނުގެ ސިޔާސީ ކުރިމަގަށް ޢަލީ ވަހީދަކީ ނުހަނު މުހިންމު ދައުރެއް އަދާކުރެއްވޭނޭ ބޭފުޅެއްކަމަށެވެ. އަދި އަލީ ވަހީދުގެ ޤާބިލު ކަމާމެދު ޝައްކެތް ނެތްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް މީގެކުރިން އަލީ ވަހީދުއާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ވިދާޅުވީ މިގައުމަށް ވިސްނުންތެރި ކަންކަން ކުރެވޭ މީހުން ބޭނުންވާކަމަށެވެ. އެގޮތުން އަލީ ވަހީދަށް ތައުރީފްކުރައްވަމުން ގާސިމް ވިދާޅުވީ އޭނާއަކީ ވަރަށް ވިސްނުންތެރި، ކަންކަން ކުރެވޭ ބޭފުޅެއްކަމަށެވެ. އަދި އެއީ މާގިނަ މީހުން ކިބައިގައި ހުންނަ ސިފައެއް ނޫންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.



މެލޭޝިޔާއިން ބެޗްލާސް ޑިގްރީ، އޮސްޓްރޭލިއާއިން މާސްޓަރސް ޑިގްރީ ހާސިލްކުރެއްވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދައުރުގެ އެންމެ ފަހުކޮޅު ރައީސުލްޖުމްހުރިއްޔާގެ އޮފީހާއި ގުޅިވަޑަައިގެންނެވި އަލީ ވަހީދު ސިޔާސީ މައިދާނަށް ނިކުންނެވީ 2008 ވަނަ އަހަރުއެވެ.

މޮޅު ވާހަކަދެއްކުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އަލީ ވަހީދަކީ ކުރީގެ ރައީސް މައުމޫން، ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު އެމަނިކުފާނުގެ ކެމްޕެއިނާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވާ ޑެޕިއުޓީ މެނޭޖަރެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން 2009 ވަނަ އަހަރު ބޭއްވި ފުރަތަމަ ރައްޔިތުންެގެ މަޖިލީހުގެ އިންތިހާބުގައި، އޭރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޑީއާރުޕީގެ ޓިކެޓްގައި އަލީ ވަހީދު، މަންމާފުޅު ނިސްބަތްވެވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވީ އުމުރުން އެންމެ 24 އަހަރުގައެވެ. ވެރިކަން ކުރާ ޕާޓީގެ ކެނޑިޑޭޓާއި ވާދަކޮށް އަލީ ވަހީދު ހޯއްދެވި ކާމިޔާބީއާއެކު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހަށް ވެދެވަޑައިގަތީ ރާއްޖޭގެ ތާރީހުގައިވެސް މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރި އެންމެ ހަގު ބޭފުޅާގެ ޝަރަފު ހޯއްދަވައިގެނެވެ.

2010 ވަނަ އަހަރު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި، އަލީ ވަހީދު 2011 ވަނަ އަހަރު އެ ޕާޓީން ވަކިވެވަޑައިގެންނެވީ ޕާޓީގެ ތެރޭގައި މައުމޫނާއި ތަސްމީނުގެ ސިޔާސީ ކޯޅުން ބޮޑުވެގެންދިއުމުންނެވެ. އަދި ރާއްޖޭގައި އެންމެ ފުަރަތަމަ އުފެއްދި ސިޔާސީ ޕާޓީ އަދި އޭރު ވެރިކަމުގައި އޮތް އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށްފަހު ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުގެ މަގާމު ފުރުއްވިއެވެ. އަދި 2014 ވަނަ އަހަރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އަލީ ވަހީދު އިންތިހާބުވެވަޑައިގެންނެވިއެވެ.

2015 ވަނަ އަހަރު މާލޭގައި އޮތް މޭޑޭ މުޒާހަރާއާ ގުޅިގެން އުފުލުނު ޓެރަރިޒަމްގެ ދައުވަތަކާއި ގުޅިގެން އިދިކޮޅު ސިޔާސީ ލީޑަރުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު، އަލީ ވަހީދު ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ. އެތަނުގައި އަމިއްލައަށް އަރުވާލެވިގެން ހުންނަވަންޖެހުމުން އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން 2016 ވަނަ އަހަރު އިސްތިއުފާ ދެއްވިއެވެ.

އަލީ ވަހީދުގެ ސިޔާސީ މަސައްކަތް އަލުން ފެށިގެންދިޔައީ 2018 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ޖަރުމަންވިލާތުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވިއިރު އެމަނިކުފާނާއެކު ފެއްޓެވި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ ތެރެއިންނެވެ. ޖުމްހޫރީ ޕާޓީގެ ރައީސްކަމުގެ މަގާމަށް އަލީ ވަހީދު އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ މާޗުމަހުއެވެ. އަދި އެ އަހަރުގެ އިންތިހާބު ޖުމްހޫރީ ޕާޓީ ހިމެނޭ ގުޅިފައިވާ އިއްތިހާދަށް ކާމިޔާބު ކޮށްދެއްވުމުގައި މުހިއްމު ދައުރެއް ދައުރެއް އަދާކުރެއްވުމަށްފަހު ޖޭޕީގެ ސްލޮޓެއްގައި މި ސަރުކާރުގެ ފުަރަތަމަ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވީ އަލީ ވަހީދެވެ. އަދި މިހާތަނަށް ރާއްޖެއަށް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމުގެ ރެކޯޑްވެސް ގާއިމްކުރީ އަލީގެ ވަޒީރުކަމުގެ ދަށުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން