ރާއްޖޭގައި ރުކުގެ އާބާދީ މަދުވުމާއި ގިނަ ރަށްރަށުގެ ރުކުގެ އާބާދީ މުސްކުޅިވެ މަތިވަރު ނުލިބުމުގެ މައްސަލަ ދިމާވެފައިވާތީ އެކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ރުކުގެ އައު ޖީލެއް" ޕްރޮގްރާމުގެ ދަށުން 3955 ރުއް މިހާތަނަށް އިންދާފައިވާކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމުގެ ދަށުން ރުއްތައް އިންދާފައިވަނީ ޖުމުލަ 26 ރަށެއްގައެވެ. މި ޕްރޮގްރާމުގެ ދަށުން ރުއް އިންދަން އެދޭ ރަށްރަށަށް ވަނީ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިހާރު އިންދަން ބޭރުން ގެނެސްފައިވާ ރުއްތަކުގެ އިތުރަށްވެސް ރުއް ގެނައުމަށް ހަމަޖެހިފައިވާކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ރުއްތަކުގެ މަތިވަރު ހީނަރުވެ ކާއްޓަށް ޖެހުމުގެ މައްސަލަ ދާދިފަހުން ވަނީ ކުރިމަތިވެފައެވެ. މިއާއެކު އެސްޓީއޯ މެދުވެރިކޮށް ރާއްޖެއިން ބޭރުން ކާށި އެތެރެކޮށްގެން ވިއްކަންވެސް ޖެހުނެވެ.

ރާއްޖޭގައި ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ސަރުކާރުން ޚާއްސަ ޕްރޮގްރާމެއް ފެށީ މިމައްސަލަ ޙައްލުކުރުމަށެވެ. މިޕްރޮގްރާމް ފެށީ މިއަހަރުގެ މާރޗް މަހުގެ 5ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ރުއް އިންދާފައިވަނީ ހދ. ވައިކަރަދޫގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން