ރ. މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.



މި މަޝްރޫޢު ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫޢުގެ ދަށުން، 14337 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 29508 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 2038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ުންކުރުމާއި، 215.60 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 20 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 203 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 25 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، ޕޭވްމަންޓް ހެދުމާއި، ކާރބް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 81.44 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

ރ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ރައްޔިތުން އަހަރުތަކެއް ވަންދެން ތަޙައްމަލު ކުރަމުންދިޔަ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ނިމުމެއް އަންނާނެއެވެ. އަދި އައު ޓީ-ޖެޓީއަކާއި ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު ބަނދަރު ބޭނުންކުރުމުގައި ކުރިން ނުލިބޭ އެތަކެއް ލުއިފަސޭހަތަކެއް މީދޫގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

2000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރ. މީދޫ ޒަމާނުއްސުރެ އެންމެ ބޮޑަށް ފާހަގަވެގެންދަނީ ތަޢުލީމާއި ތަހުޒީބުގެ ރޮނގުންނާ އަދި ތެދުއި ވަޑާމާއި ކިއްސަރު ވަޑާމުގެ ރޮނގުންނެވެ. އެގޮތުން އޮޑިދޯނިފަހަރު އެހަލާ ބަނުމުގެ މަސައްކަތް ކުރާ 5 ހަރުގައެއް އެރަށުގައި މިހާރުވެސް އެބަހުއެޓެވެ.

ދިވެހި ބޭހާއި ރުއްގަލު ބޭހަށްވެސް މެދުރާއްޖެތެރޭގައި އެރަށަކީ ފާހަގަކޮށްލެވޭ

ރަށެކެވެ. ރަށު ބަނދަރަކީ ފުދޭވަރަކަށް ގިނަ ރިސޯޓްތަކުގެ އެކްސްކަރޝަން ބޭނުމަށް ގެންގުޅޭ ލޯންޗުފަހަރު އަޅާފައި އޮންނަ ތަނެކެވެ. އެގޮތުން މިހާރުވެސް 25 އަކަށް ލޯންޗް ރަށު ބަނދަރުގައި އޮވެއެވެ. މީގެއިތުރުން، ކަނޑުމަހުގެ މަސްވެރިކަން ކުރާ 2 ދޯންޏާއި، ގިނަ އަދަދެއްގެ ޑިންގީގެ އިތުރުން މާލެއިން ރަށަށް މުދާ އުފުލާ 1 އޮޑިވެސް އޮވެއެވެ.

ދަތުރުކުރާ އުޅަނދުތައް އިތުރުވުމުގެ ސަބަބުން ރަށު ބަނދަރު ވަނީ ފަހަކަށް އައިސް ވަރަށް ކާރޯބާރު ބޮޑު ބަނދަރަކަށްވެފައެވެ. އެހެންކަމުން ޖާގަ ތަނަވަސް ބަނދަރަކަށް މީދޫ ރައްޔިތުން އިންތިޒާރު ކުރާތާވެސް ދުވަސްތަކެއް ވަނީ ވެފައެވެ. ހަމައެހެންމެ ކޮޅުވެއްޓި ފަދަ އުޅަނދުތައް ކައިރިކޮށް މުދާ އަރުވާ ބޭލޭނެ ފަދަ ރޭމްޕެއް ނެތުމުގެ ދަތިކަންވެސް ރަށު ރައްޔިތުން އަންނަނީ ތަޙައްމަލު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން