ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ކަނޑައަޅައިފިނަމަ، ޕީޕީއެމްގެ ޓިކެޓުގައި ކެންޑިޑޭޓަކު ނެރެން އިތުރު ވަގުތު ދިނުމަށް ސްޕްރީމް ކޯޓުގައި އެދިއްޖެއެެވެ.

ޕީޕިއެމުން އެގޮތަށް އެދުނީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިހާރު ކުރިއަށްދާ އަޑުއެހުމުގަ އެވެ.

ސްޕްރީމް ކޯޓަށް މައްސަލަ ހުށައަޅުއްވަމުން ޔާމިންގެ ފަރާތްޕުޅުން ވަކީލް ހަމްޒާ ލަތީފް ވަނީ މައްސަލަ ޔާމީނާ ދެކޮޅަށް ނިންމާ ނަމަ ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްދޭން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޔާމިންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމި ނިންމުން ބާތިލްކޮށް އެ ކެންޑިޑެސީ ބަލައިގަތުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެދިފައެވެ.

ވަކީލް ހަމްޒާ ލަތީފް ވަނީ ރައީސް ޔާމިނަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ކަނޑައެޅުމަށާއި އެމަނިކުފާނަށް ކެންޑިޑެސީ ފޯމް ހުށައެޅުމަށް ކުރަންޖެހޭ އެންމެހައި އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސަން އަންގައިދެއްވުމަށް އެދިވަޑައިގެންފައެވެ.

"އަދި ފަހުގެ ކަމަކަށް މި އިއްޒަތްތެރި ކޯޓުން ނިންމަވާ ނިންމެވުމެއްގެ ސަބަބުން ޔާމިނަށް އެބޭފުޅާގެ ކެންޑިޑެސީ ހުށަނޭޅޭ ހާލަތެއްގައި ޕީޕިއެމަށް އިތުރު ހުށައެޅުމެއް ހުށައެޅުމަށް ފުރުސަތު ދެއްވުމަށް އަދި ޔާމިނަށް މި ކޯޓުން ނިންމަވާ ގޮތަކުން ކެންޑިޑެސީ ހުށައެޅުމަށް ހުށައަޅަން ޖެހޭ ހާލަތެއްގައި އެހުށައެޅުން ހުށައަޅަން ފުރުސަތު ފަހިކޮށްދިނުން،" ހަމްޒާ ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

ކުރީގެ ރައީސް ޔާމިންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ވަނީ ނިންމާފައެވެެ. އެގޮތަށް ނިންމީ، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ޔާމީންގެ ފަރާތުން އެފަދަ ވަގުތީ އަމުރަކަށް ސްޕްރީމް ކޯޓުގައި އެދިފައިވާއިރު، ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ވެއްޖެ ނަމަ، ބެކްއަޕެއްގެ ގޮތުގައި ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނެރެން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން