ޒަހީނުއްދީން ސަޢީދު   4 އޯގަސްޓު 2023 - 22:42
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އެބައޮތް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން އެގޮތަަށް ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވި ނަމަވެސް އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އެކޮމިޝަނުން ނިންމި މައްސަލައާއި ގުޅިގެން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަން ތަމްސީލުކުރައްވާ މަހުފޫޒު ސައީދު ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމާފައިވަނީ އެމަނިކުފާނަކީ ހަމައެކަނި ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާތީ ނޫން ކަމަށާއި ޔާމީންގެ ސާބިތު ދަރަންޏެއް ވެސް އެބައޮތް ކަމަށެވެ. އަދި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާ އޮތް ގޮތުން ވެސް ޔާމީންގެ ކެންޑިޑެސީ ބަލައިގަނެވެން ނެތް ކަމަށް ޕީޕީއެމަށް އަންގާފައިވާނެ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

މަހުފޫޒް އެ އިޝާރަތް ކުރެއްވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއެކު ކުރި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ކުރި މައްސަލަ އަށެވެ. އެހުކުމާއި އެއްގޮތަށް މިހާތަނަށް ވެސް ޔާމިން ޖޫރިމަނާ ފައިސާ ދައްކަވާފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދޫ ވަނީ ދަރަންޏާއި ބެހޭގޮތުން ގިނަ ސުވާލު ތަކެއް ކުރަށްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސާބިތު ދަރަންޏަކީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ބައެއް ކަމަށާއި މުޅި ހުކުމް އޮތީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ކަމަށެވެ. އަދި ދަރަންޏެއް ދެއްކުމަށް މުއްދަތު ހަމަވާ ތާރީހާއެކު މީރާ އިން ވަކީލުންނަށް އަންގަންޖެހޭ ކަމަށާއި ނަމަވެސް މިހާތަނަށް އެފަދަ އެންގުމެއް އަންގާފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން ދަރަނި ދެއްކުމަށް އަދިވެސް މުއްދަތު އެބައޮތް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ޕީޕިއެމުން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލުކަމަށް ކަނޑައަޅައިދިނުމަށާއި ޔާމީނަކީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ފަރާތެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށާއި ޔާމީނާއި އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ އަލުން ކެންޑިޑެސީ ހުށަހަޅަން ފުރުސަތު ދިނުމުގެ އިތުރުން ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ކެންޑިޑޭޓަކު ނެރެން ޕީޕީއެމަށް އިތުރު ފުރުސަތެއް ދިނުމަށް ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން