ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް، އަބުދު ﷲ ޔާމިންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން އެގޮތަށް ބުނީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅަން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިހާރު ކުރިއަށްދާ އަޑުއެހުމުގައެވެ.

ސްޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ އަޑުއެހުމުގައި ކުރީގެ ރައީސް ޔާމިންގެ ކެންޑިޑެސީ މައްސަލައިގައި ތަދައްޚުލު ކުރުވާފައިވާ ބަންޑާރަނައިބު (އޭޖީ) އޮފީހުގެ ވަކީލު ވިދާޅުވީ، އެމައްސަލަ އާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ޔާމިންގެ ކެންޑިޑެސީ ބަަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލު ވިދާޅުވީ މި މުޅި މައްސަލައިގެ މައިގަނޑު ޚުސޫމާތެއް އޮތީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) މާނަކުރުމާ ގުޅޭގޮތުން ކަމަށެވެ. އޭޖީގެ ވަކީލު ވިދާޅުވީ، ކުށުގެ ޒިންމާ އުފުލުމުގެ ވާހަކަ ޤާނޫނުއަސާސީގެ 127 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ މާއްދާގައި ވަނީ ރައީސްކަމުގައި ހުންނަވާ ފަރާތެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ޙާލަތުގައި އަމަލުކުރާނެ ގޮތުގެ ވާހަކަ ކަމަށެވެ. އަދި މަޤާމުގައި ހުރި ފަރާތެއް ޙުކުމަކާއެކު ޝަރުތު ހަމަނުވުމާއި، އިންތިޚާބެއްގައި ވާދަކުރާއިރު ޙުކުމެއް އޮވެ، ޝަރުތު ހަމަނުވުންވެސް ތަފާތު ކަމަށް އޭޖީގެ ވަކީލު ފާހަގަކުރެއްވިއެވެ.

ވަކީލު ވިދާޅުވީ ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށްވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކުނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ 3 އަހަރު ފަހުން ކަމަށެވެ.

ވަކީލު އިތުރަށް ވިދާޅުވީ، ޔާމީނުގެ ފަރާތުން އެ ވިދާޅުވާ ގޮތަށް ޙުކުމް މާނަކުރާނަމަ، ރިވިއު ކުރުމުގެ ފުރުސަތު އޮތުމަކީވެސް ނިހާއީ ޙުކުމެއް ނެތުންކަމަށް ބެލެވިދާނެކަމަށް އެގޮތުން ސުޕްރީމް ކޯޓުގެ ޙުކުމްތަކަކީވެސް ރިވިއު ކުރެވޭ ޙުކުމްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ޤާނޫނު އޮތްގޮތަށް ބަލާއިރު، ޙުކުމެއްގައި ހުރި ފަރާތަކަށް އިންތިޚާބުގައި ވާދަ ކުރެވޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށް އޭޖީގެ ވަކީލު ވިދާޅުވިއެވެ. އެކަންކަމަށް ރިއާޔަތްކޮށް ޔާމިންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް އޭޖީގެ ވަކީލު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން