ރިޔާސީ އިންތިޚާބަށް ތާއީދު ހޯދުމަށް ބޭރުގެ ބްރޯޑްކާސްޓްކުރާ ސްޓޭޝަނެއް ބޭނުން ކުރުމަކީ މަނާކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ‏ރިޔާސީ ކެނޑިޑޭޓުންނަށް ބްރޯޑްކާސްޓްކުރުމުގެ ފުރުޞަތު ލިބިދޭކަމަށެވެ.



ކޮމިޝަނުން ބުނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 30 ވަނަ މާއްދާއާއި 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންވާކަމަށެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިޢުލާންކުރާ ދުވަހުން ފެށިގެން، ރިޔާސީ އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6.00 އާ ހަމައަށް، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކުން، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް މަސައްކަތްކުރުމަށްޓަކައި އިޝްތިހާރާއި ޕްރޮގްރާމްތައް ފޮނުވުމަށް ވަގުތު ދިނުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށެވެ.

ގާނޫނުގައިވާ ގޮތުން ބްރޯޑްކާސްޓްކުރާ ކޮންމެ ފަރާތަކުންވެސް ކަނޑައެޅޭ ވަގުތުތަކާއި، ބްރޯޑްކާސްޓްކުރާ ވަގުތުތައް ވިއްކުމަށް ހަމަޖެހިފައިވާ އަގުތައް ޢާންމުކޮށް އިޢުލާން ކުރާނެއެވެ. އަދި ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ނުވަތަ ވަގުތު ވިއްކުމުގައި ހަމަހަމަ އުޞޫލެއް ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ގެންގުޅުން ޤާނޫނުން ލާޒިމުކުރެއެވެ.

ބްރޯޑްކާސްޓްކުރާ ކޮންމެ ފަރާތަކުން މި މާއްދާގެ ދަށުން ޚާއްސަކުރާ ވަގުތު ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ދޭންވާނީ ހަމަހަމަކަމާ އެކުއެވެ. އަދި އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާފައިވާ ވަގުތަށް ވުރެ އިތުރު ވަގުތު، އެއް ކެންޑިޑޭޓަކަށް ނުވަތަ އެއް ސިޔާސީ ޕާޓީއަކަށް ނުވަތަ އެއް ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ދީ ނުވަތަ ވިއްކައިގެން ނުވާނެކަމަށް ގާނޫނުގައިވެއެވެ.

މީގެއިތުރުން އިންތިޚާބާ ގުޅިގެން ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ޢަމަލު ކުރަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށްތޯ ބަލައި، އެ މާއްދާއާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާ ގުޅިގެން ފަސޭހައިން ޝަކުވާ ހުށަހަޅައި، އެ ޝަކުވާ އަވަހަށް ބެލޭނެ ނިޒާމެއް ޤާއިމް ކުރުމަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ޒިންމާއެކެވެ. އަދި ގާނޫނުގައިވާ ގޮތާ ޚިލާފަށް ބްރޯޑްކާސްޓް ކުރާ ފަރާތަކުން ކުރާ ކަންކަމާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ ބާރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނުގައި ރިޔާސީ އިންތިޚާބުގައި ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖެއިން ބޭރުގައި އޮޕަރޭޓްކުރާ އެއްވެސް ބްރޯޑްކާސްޓްކުރާ ސްޓޭޝަނެއް ބޭނުން ކުރުމަކީ މަނާކަމެއްކަމަށެވެ.

ގާނޫނުގައިވާ ގޮތުން ބްރޯޑްކާސްޓަރުން މެދުވެރިކޮށް ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް ކުރާ މަސައްކަތުގެ އިތުރުން، ދައުލަތުގެ ބްރޯޑްކާސްޓްކުރާ ފަރާތްތަކުން، އެ މުއައްސަސާތަކުން އެކަމަށް ކަނޑައަޅާ ޝާއިޢުކޮށްފައިވާ ގޮތެއްގެ މަތިން ހަމަހަމަ އުޞޫލަކުން، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހިލޭ އެއަރ ޓައިމް ދޭންވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން