ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ބަލައިގަތުމާމެދު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުންނެވެ.

ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މިއަދު މެންދުރުފަހު ވަނީ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައެވެ. އަދި އެ އަޑުއެހުން ނިމުނީ މިރޭ 12:00 ޖަހަނިކޮށެވެ.

މިމައްސަލަ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވިއިރު، މައްސަަލަ ރައްދު ވަނީ އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށެވެ. އަދި ޕީޕީއެމްއާއި ދައުލަތުން ވަނީ މައްސަލައަށް ތަދައްހުލްވެފައެވެ.

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ތިއްބަވާ ބެންޗަކުން ބައްލަވާ މި މައްސަލައިގައި މިއަދު މައިގަނޑުގެ ގޮތެއްގައި ބަހުސް ކުރެވުނީ އިންތިޚާބުގައި ވާދަކުރުމަށް ހުންނަންޖެހޭ ދެ ޝަރުތެއް ރައީސް ޔާމީންގެ ކިބައިގައި ނެތްކަމަށް ބުނާ މައްސަލައަށެވެ. އެއީ 12 މަސް ދުވަހަށްވުރެ ގިނަ ދުވަހުގެ ހުކުމެއް އޮތުމާއި، ސާބިތު ދަރަންޏެއްގެ މައްސަލައެވެ.

އެ ހުކުމް އައިސްފައިވަނީ އާރަށުގެ މައްސަލައިގައެވެ. އަދި ދައުލަތަށް ދައްކަންޖެހޭ 5 މިިލިއަން ޑޮލަރުގެ ޖޫރިމަނާއަކީވެސް އެ މައްސަލައިގައި އަދަބެއްގެ ގޮތުގައި އައިސްފައިވާ ހުކުމުގެ ބައެކެވެ. ރައީސް ޔާމީންގެ ފަރާތުން ވަނީ މުޅި ހުކުމް އިސްތިއުނާފްކޮށްފައެވެ.

ރައީސް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓުގައި މައިގަނޑު ގޮތެއްގައި ވިދާޅުވީ 12 މަހަށް ވުރެ ގިނަ ދުވަހުގެ ހުކުމެއްް އައިސްފައި އޮންނަ މީހަކަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް ބުނާ ޤާނޫނުއަސާސީގެ މާއްދާގައި އެ ބުނާ ހުކުމަކީ، ހުރިހާ ޝަރުޢީ މަރުހަލާތަކެއް ފުރިހަމަވެފައިވާ ހުކުމެއްކަމަށް ބެލެވޭނެކަމަށެވެ. އަދި އެކަން ސާބިތުކޮށްދޭން އެކި ކަންކަން ވަނީ ހުށަހަޅާފައެވެ.

ސާބިތު ދަރަންޏާއި ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ މީގެކުރިން ވޮޑަމުލާ މައްސަލައިގައިވެސް ޖޫރިމަނާގެ ފައިސާ ދައްކަން އެންގީ މީރާއިންކަމަށާއި، ނަމަވެސް މިހާރު ތަންފީޒުކުރަމުންދާ އާރަށުގެ މައްސަލައިގެ ހުކުމްގައި ޖޫރިމަނާގެ ގޮތުގައި އޮތް 5 މިލިއަން ޑޮލަރު ދައްކަން އަންގާފައިނުވާކަމަށެވެ. އަދި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައި އޮތްކަންވެސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް އަންނަން ޖެހުނު މައިގަނޑު ސަބަބަކީ އިންސާފު ލަސްވުންކަމަށް ވިދާޅުވެފައެވެ. އެގޮތުން ހައިކޯޓުގައި މިހާރު ކުރިއަށްދާ އާރަށުގެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގައި ބާކީ އޮތީ އެންމެ އަޑުއެހުމެއްކަމަށާއި، ނަމަވެސް އެ އަޑުއެހުން ނުބޭއްވިގެން މަހަކަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ. އަދި ހައިކޯޓުން މައްސަލަ އަވަހަށް ނިމުނުނަމަ މިކަމުގައި ހައްގުތަކެއް ކަށަވަރުކުރަން ސުޕްރީމް ކޯޓަށް އަންނަން ނުޖެހޭނެކަމަށާއި، ނަމަވެސް އެއީ އެމަނިކުފާނުގެ ބާރު އޮތްކަމެއް ނޫންކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ހުކުމެއްގައި ހުންނަ މީހަކަށް އިންތިހާބުގައި ވާދަކުރުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ޝަރީއަތުގައި ވިދާޅުވީ، ޤާނޫނުގައި އިތުރަށް ކަމެއް ތަރުޖަމާ ކުރަންނުޖެހޭވަރަށް ސާފުކަމަށެވެ. އަދި ގާާނޫނުގައި ބުނާ 12 މަސް ދުވަހަށްވުރެ ގިނަ ދުވަހުގެ ހުކުމެއްގައިވާ މީހަކު އިންތިހާބުގައި ވާދަކުރަން ފުރުސަތު ދީފިނަމަ، ހުކުމް ތަންފީޒުކުރާ ފަރާތްތަކަށް އިންތިޚާބުތަކާއި އެކި މަޤާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވޭކަން އިލެކްޝަނުން ފާހަގަކުރެއްވިއެވެ.

އޭޖީގެ ވަކީލުން ވިދާޅުވީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު އިންތިހާބުގައި ވާދަކުރުމުގައި ރާއްޖޭގައި އަމަލުކުރަނީ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އަމަލުކުރަމުންދާ ގޮތަށްކަމަށެވެ. އެގޮތުން މިސާލު ޖައްސަވަމުން ދެއްކެނީ އަފްގާނިސްތާނައި އަޒަރުބައިޖާނާއި ބަންގްލަދޭޝްގެ މިސާލެވެ.

ސާބިތު ދަރަންޏާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގައި ހިމެނޭ ޖޫރިމަނާގެ ފައިސާ ދައްކަން އޮތް މުއްދަތު ތެރޭގައި ނުދައްކާނަމަ ބެލެވޭނީ ސާބިތު ދަރަންޏެއް ނުދައްކާ އޮތްކަމަށެވެ.

މި މައްސަލައަށް ތަަދައްހުލްވި ޕީޕީއެމުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޭޓް ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ޕާޓީއާއި ޕާޓީގެ މެމްބަރުންގެ ހައްގުތަކެއް ގެއްލިގެންދާ މައްސަލައެވެ. އަދި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ކޯޓުން ނިންމަވާނަމަ، އެ ހާލަތުގައި ޕީޕީއެމްގެ އިތުރު ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު ދެއްވުމަށްވެސް ޕީޕީއެމުން އެދިފައިވެއެވެ.

މިއަދުގެ ޝަރީޢަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ ޕީޕީއެމާއި ރައީސް ޔާމީންގެ ވަކީލުންނާއި ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. ނަމަވެސް އޭޖީ އޮފީހުގެ ވަކީލުންނާއި އިލެކްޝަންސް ކޮމިޝަނުގެ ވަކީލުންނާއި މާ ގިނަ ސުވާލުތަކެއް ނުކުރައްވައެވެ.

ފަނޑިޔާރުންގެ ސުވާލުތައް އަމާޒުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލާ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ޤާނޫނުއަސާސީގައި ބުނާ ޝަރުތު މާނަކުރުމާއި ގުޅޭގޮތުންނެވެ. އެގޮތުން ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ރައީސްކަމަށް އިންތިޚާބުވެއްޖެނަމަ އެ މަސްއޫލިއްޔަތު އަދާކުރައްވާނެ ގޮތަކާއި، ނިކުމެދާނެ ޤާނޫނީ މައްސަލަތަކާއި މެދު ވަނީ ސުވާލު އުފައްދާފައެވެ.

އެތައް ގަޑިއިރަކަށް ކުރިއަށްދިޔަ ޝަރީޢަތުގެ އަޑު އެހުން ނިންމަވާލެއްވީ ދަންވަރު 12:00 ޖަހަނިކޮށެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނާނީ މައްސަލަ ނިންމެވުންކަމަށެވެ. ނަމަވެސް މައްސަލައިގައި ހުކުމް އިއްވާނެ ދުވަހެއް ވިދާޅެއްނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ހުކުމެއް ތަންފީޒުކުރަމުންދާ ބޭފުޅަކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާތީ، އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުނު ފުރަތަމަ ފަހަރެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން