ރިޔާސީ އިންތިޚާބަށް ރަނިންމޭޓް ކަނޑައަޅައި، ކެންޑިޑަސީ ތައްޔާރުކުރުމަކީ އޭނާގެ ޒިންމާއެއްކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒުއަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމަށް ވާދަނުކުރެއްވޭ ހާލަތުގައި ވާދަކުރަން ކަނޑައަޅާފައިވާ ރިޔާސީ ކެންޑިޑޭޓްއެވެ. ނަމަވެސް ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ކަނޑައެޅުމުގެ ވާހަކަތައް ދައްކާފައިވަނިކޮށް މުއިއްޒު ވަނީ އޭނާގެ ރަނިން މޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ހަމަޖައްސާފައެވެ.

މުއިއްޒު ވިދާޅުވީ ‏ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާއެކު، ވާދަކުރާނޭ "ބެކްއަޕް" ކެންޑިޑޭޓެއްގެ ގޮތުގައި ޕީ.އެން.ސީ ގެ ކެންޑިޑޭޓެއް ހޮވުމަށް ޕީ.އެން.ސީ ސެނެޓުގައި ބޭއްވުނު އިންތިޚާބުގައި އޭނާ ހޮވާފައިވާ ކަމަށެވެ. އެހެންކަމުން ރަނިންގމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސާ، އެޕްލިކޭޝަން ތައްޔާރުކުރުމަކީ ޒިންމާއެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ރަނިންގމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމިކަން ދަންނަވަން. އެމަނިކުފާނަކީ، ޒުވާން، ތަޢުލީމީ، ޤާބިލް ޚިދްމަތްތެރިއެއް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ދުޢާއަކީ، 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބި، ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން