އަހުމަދު މަސްނޫމް   5 އޯގަސްޓު 2023 - 17:33
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ފަށައިފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރައީސް ވަހީދުގެ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާކަމުގެ އަޑުތައް ފެތުރިފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރަނިންމޭޓުން ކުށުގެ ރެކޯޑް ސާފުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް ވަހީދު ކުށުގެ ރެކޯޑް ސާފު ކުރައްވަނީ އިންތިޚާބުގައި ވާދަކުރެއްވުމަށްކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރައީސް ވަހީދަކީ ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގެންފިނަމަ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބަށް ނިކުމެވަޑައިގަންނަވާނެ ކެންޑިޑޭޓްކަމަށް ބުނެ އަޑުތައް ދަނީ ފެތުރެމުންނެވެ. މީގެކުރިންވެސް މިފަދަ ވާޙަކަތަކެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން ރައީސް ވަހީދު ވާހަކަދައްކަވާފައެއް ނުވެއެވެ.

ރައީސް ވަހީދު ކުށުގެ ރެކޯޑް ސާފުކުރަމުންދާއިރު، ޕީޕީއެމުން ވަނީ ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު ދެއްވުމަށް، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޔާމީންގެ ކެނޑިޑަސީގެ މައްސަލައިގެ އަޑުއެހުމުގައި އެދިފައެވެ.

ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމުގެ ވާހަކަތައް ދައްކަމުންދާއިރު، ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީންވެސް ވަނީ ކެންޑިޑޭޓެއް ނެރެފައެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓަކަށް ހަމަޖައްސާފައިވަނީ ޑރ. މުހައްމަދު މުއިއްޒުއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ރައީސް ޔާމީން ހައްދަވަން އުޅުއްވާ ގޮތެއް ނޭނގެއެވެ. އަދި ބައެއް ފަރާތްތަކުން ބުނާގޮތުން ރައީސް ޔާމީނާއި ޕީޕީއެމްއާއި ޕީއެންސީން ގުޅިގެން ކަންތައްތަކެއް ދަނީ ރާވަމުންނެވެ.

އިދިކޮޅު ޕީޕީއެމުން ހަދާނެ ގޮތެއް ނޭނގޭއިރު، އިންތިޚާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންވެސް ތިއްބެވީ ވާނުވާ ނޭނގިފައިކަމަށް ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން