ރިޔާސީ އިންތިހާބު ބޮއިކޮޓު ނުކުރަން ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ނިންމައިފިއެވެ.

އިންތިހާބު ބޮއިކޮޓު ކުރުމާއި މެދު ޕީޕީއެމް-ޕީއެންސީން ގޮތެއް ނިންމާފައި މިވަނީ، އިންތިހާބު ބޮއިކޮޓްކުރުމަށް ޕީޕީއެމް-ޕީއެންސީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އެންގެވުމުންނެވެ. ރައީސް ޔާމީން އެކަމަށް އެންގެވީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުއްވުމުންނެވެ.

ރައީސް ޔާމީންގެ ހުށަހެޅުމާއިމެދު ގޮތެއް ނިންމަން މިއަދު ވަނީ ޕީޕީއެމް ޕީއެންސީގެ ސެނެޓް ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ސެނެޓްގެ މެމްބަރުންގެ މެދުގައި އޮތީ ހިޔާލު ތަފާތުވެފައެވެ.

އެކަމުގައި މަޝްވަރާކުރުމަށްފަހު ޕީޕީއެމް ޕީއެންސީގެ ސެނެޓުން ނިންމާފައިވަނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. އިންތިހާބު ބޮއިކޮޓް ނުކުރުމަށް 67 ސެނެޓަރުން ވޯޓު ދެއްވިއިރު ބޮއިކޮޓުކުރަން 46 ސެނެޓަރަކު ވޯޓު ދެއްވިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ސެނެޓާއި ރައްޔިތުންގެ ރޫހު ހުރީ އިންތިހާބު ބޮއިކޮޓު ނުކުރަންކަމަށް ރައީސް ޔާމީނަށް ލަފާއަރުވާނެކަމަށެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެންދިޔައީ އެމަނިކުފާނު 12 މަހަށްވުރެ ދިގު މުއްދަތުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީއާއި ސާބިތު ދަރަންޏެއް އޮތުމުންނެވެ.

އިދިކޮޅުން ކުރިން ނިންމާފައި އޮތީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލެ މޭުޔަރު މުއިއްޒު ނެރުއްވުމަށެވެ. ނަމަވެސް ޕީޕީއެމުން ބުނަމުންދަނީ ރައީސް ޔާމީންގެ ބަދަލުގައި ކެންޑިޑޭޓެއް އިންތިހާބުކުރުމުގެ ފުރުސަތު އޮންނަންވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން