ގައުމުގައި ތިއްބެވި އިލްމީ ބޭފުޅުން ނުކުމެ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ ކޮން ކެންޑިޑޭޓެއްކަން ދައްކައިފިނަމަ ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ޖުމުހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވީ ދިވެހި ނޫސްވެރިންނާއި ގައުމުގައި ތިބި އިލްމީ ބޭފުޅުން ނުކުމެވަޑަައިގެން ރިޔާސީ އިންތިހާބަށް މިހާރު ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންގެ ތައުލީމާ ތަޖުރިބާގެ އެސެސްމަންޓެއް ހަދަންޖެހޭ ކަމަށެވެ. އަދި އެ ސެސްމަންޓުން އެމަނިކުފާނު ފާސްވެވަޑައިނުގެންފިނަމަ ރިޔާސީ ރޭހުގައި ވާދަ ނުކުރަށްވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އެ އެސެސްމަންޓުން އެންމެ މަތީ މާކުސް ހޯދާ ކެންޑިޑޭޓެއްގެ ފަހަތަށް އަރައިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ޤާސިމް ވިދާޅުވީ އެ އެސެސްމަންޓްގައި އިންސާނިއްޔަތުކަމުގެ ރޮނގުންނާއި އިހުސާންތެރިކަމުގެ ރޮނގުންނާއި ދިވެހި ރައްޔިތުންނަށް ތަފާތު ރޮނގު ރޮނގުން އެ ކެންޑިޑޭޓަކު ކޮށްދީފައިވާ ޚިދުމަތްތަކަށް ބަލަންޖެހޭ ކަމަށެވެ.

"ތިބޭފުޅުން (ނޫސްވެރިން) ހިމެނޭހެން ގައުމުގައި ތިބި އިންޓަލެކްޗުއަލް ބޭފުޅުންނާއެކު ވަރަށް ރަނގަޅު އެސެސްމަންޓެއް ހައްދަވާށޭ، ހައްދަވާފައި ބޯޑެެއްގައި ނަންޖަހާފައި މިވެނި ބޭފުޅަކު މިވެނި ކަމަކުން މާކުސް އެވެނި ބޭފުޅަކު އެވެނި ކަަމަކަށް މާކުސް މިހުރިހާ އެއްޗެއް ފަތުރާލާފައި ތިރިއަށް ރޮނގެއް ދަމާލާފައި އެއްކޮށްލާށޭ ނަތީޖާ، އަޅުގަނޑު ފެއިލްވެއްޖެއްޔާ އަަޅުގަނޑު ބޭނުމެއް ނޫން ރިޔާސީ އިންތިހާބަށް ކުރިމަތިލައިގެން މި މަސައްކަތް ކުރާކަށް، އޭގެ މާނައަކީ އަޅުގަނޑަށް ވުރެ ރަނގަޅު ބޭފުޅެއް އެބަހުއްޓޭ، އަޅުގަނޑު މަރުހަބާ އައްސަރިބަހާއި ސާބަހޭ ދަންނަވައި ކުރިއަށްދާނަން،" ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން