ރައްޔިތުން ބޭނުންވާގޮތަށް ގައުމަށް ހެއު ބަދަލު ގެނެސްދޭނެ ހަމައެކަނި ކެންޑިޑޭޓަކީ ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ކުދި ބޮޑު އެންމެން މިއަދު ތިބީ އިސްލާހީ ވަރަށް ބޮޑު ބަދަލަކަށް ބޭނުންވެފައި ކަމަށެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް މިއަދު ބޭނުންވަނީ އުއްމީދެއް ކަމަށާއި ރާއްޖެ ހިންގުމަށް ރަނގަޅު އިތުބާރުކުރެވޭ ރަނގަޅު ލީޑަރޝިޕެއް ބޭނުންވާ ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވާ ގޮތަށް ބޭނުންވާ ފެންވަރުގައި ގައުމަށް ހެއު ބަދަލު ގެނެސްދެވޭނެ ހަމައެކަނި ލީޑަރަކީ ގާސިމް ކަމަށް އަމީން ވިދާޅުވިއެވެ.



"ގައުމުގެ އިސްލާހަށްޓަކައި ރައްޔިތުން އެދި އެދި ތިބީ ރޮއި ރޮއި ތިބީ، އިލްތިމާސްކޮށްގެން ތިބި ފުރުސަތު ހޯދަން ރާއްޖޭގެ ހުރިހާ ރައްޔިތުން ނިކުންނަންވެސް އެބަޖެހޭ. ހާއްސަކޮށް މިރޭހުގައި ވާދަކުރަން ތިބި ބޭފުޅުންނަށް ބަލާއިރު އަޅުގަނޑުމެންގެ ލީޑަރު އަދި ކެންޑިޑޭޓް ފިޔަވައި މިކަން ދިވެހި ރައްޔިތުން ބޭނުންވާ ފެންވަރުގައި ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދެވޭނެ ދެވަނަ އެހެން އެއްވެސް ލީޑަރެއް ރާއްޖެއަކު ފެންނާކަށް ނެތް،" ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން އަމީން ވިދާޅުވީ އެމަނިކުފާނަކީ މާފުކުރަން ދަންނަ ހަރުދަނާ ލީޑަރެއް ކަމަށެވެ. އަދި އެމަނިކުފާނު ފާހަގަކުރެވެނީ ރައްޔިތުންނާއި ދޭތެރޭ ހަސަދަވެރިކަމެއް، ނުކިއްސަރުކަމެއް، އަދި ނުނިޔަތެއް ނެތް ބޭފުޅެއްގެ ގޮތުގައި ކަމަށް އަމީން ސިފަކުރެއްވިއެވެ.

އަމީން ވަނީ ދިވެހި ގައުމު އެހެން ލެވެލަކަށް ގެނެސް ޤައުމުގެ ހާލަތު ބަދަލުކުރުމަށް ޖުމުހޫރީ ޕާޓީއާއި އެކު މަސައްކަތް ކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފައެެވެ. ރާއްޖޭގައި ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން ވެސް ޤާސިމާއެކީ މަސައްކަތްކޮށް ޤައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށް އެންމެން އަތާއަތް ގުޅާލުމަށް އަމީން ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން