މީސެލްސް ނުވަތަ ހިމަބިއްސަށް ފައްސިވެފައިވާ އިތުރު މީހަކު ރާއްޖެއިން ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާ ހިމަބިއްސަށް ފައްސިވެފައިވާކަން އެނގިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އެމީހާއަކީ ރާއްޖޭން ބޭރުން ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވާ ފަރާތެއް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މި ކޭސް ފެނުމާއި ގުޅިގެން ކުރީ ފަހަރުތަކެކޭ އެއްފަދައިން ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި އޭނާއާ ގާތުން އެއްތާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މި ވޭދަނަ މޮނިޓަރކޮށް ހިމަބިހި ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް އަދި ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މި ވޭދަނަ އާއި މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެނިފައިވާ ހިމަބިހި ވޭދަނަ އާއި ގުޅުމެއް ހުރިކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ހިމަބިއްސަށް އިއްޔެ މީހަކު ފައްސިވެފައިވާއިރު، މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު މާލެ ސަރަހައްދުގައި ދިވެއްސަކަށް ހިމަބިހި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ހިމަ ބިއްސަކީ ރާއްޖެ އިން ނައްތާލާފައިވާ ބައްޔެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން