އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއިއެކު 5 މިލިއަން ޑޮލަރުން ކުރި ޖޫރިމަނާގެ ފައިސާ ދައްކަވާފައިނުވާތީ އެ ފައިސާ ހޯދަން ބަންޑާރަ ނައިބު އޮފީހުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ބަންޑާރަ ނައިބް އޮފީހުން މިރޭ ބުނީ ކްރިމިނަލް ކޯޓުގެ ހުކުމާ އެއްގޮތަށް ރައީސް ޔާމިން މިހާތަނަށް އެ ފައިސާ ދައްކަވާފައިނުވާ ކަމަށެވެ. އަދި އެފައިސާ ދައުލަތަށް ދެއްކުމަށް އެމަނިކުފާނަށް މީރާ އިން ފޮނުވާފައިވާ ނޯޓިސް އާއި އެއްގޮތަށް އެ ފައިސާ ދައްކަވާފައިނުވާތީ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުންޏެވެ.

"ވީމާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ) ގެ ދަށުން، ކްރިމިނަލް ކޯޓުގެ ޙުކުމުގައި ދައްކަން އަންގާފައިވާ ފައިސާ ހޯދުމަށް، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ މި އޮފީހުގެ ފަރާތުން މިއަދު ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ." ބަންޑާރަ ނައިބްގެ އޮފީހުން ބުނެފައިވެއެވެ.

ކެންޑިޑެސީ ފޯމު ބަލައިނުގަތުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސާބިތު ދަރަންޏަކީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ބައެއް ކަމަށާއި މުޅި ހުކުމް އޮތީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ކަމަށެވެ. އަދި ދަރަންޏެއް ދެއްކުމަށް މުއްދަތު ހަމަވާ ތާރީހާއެކު މީރާ އިން ވަކީލުންނަށް އަންގަންޖެހޭ ކަމަށާއި ނަމަވެސް މިހާތަނަށް އެފަދަ އެންގުމެއް އަންގާފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން ދަރަނި ދެއްކުމަށް އަދިވެސް މުއްދަތު އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުން ސްޕްރީމް ކޯޓުގައި ބުނެފައިވަނީ ޖޫރިމަނާ ދެއްކުމަށް މީރާއިން އަންގާފައިވާ ލިއުން ރައީސް ޔާމީނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި ސްޕްރީމް ކޯޓުގެ ނިންމުމުގައި ވެސް ވަނީ އެކަން ފާހަގަ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން