މިހާރު ޢަމަލުކުރަމުން އަންނަ ފެހި ޤާނޫނު އަސާސީ ތަސްދީޤުކުރިތާ 15 އަހަރު ފުރުމުގެ މުނާސަބަތުގައި ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ޤާސިމްގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ ދިވެހީން މިއަދު މިދެކޭ ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމާއި، ސިޔާސީ އަދި ދިމިޤްރާތީ ހެޔޮބަދަލުތަކާއި، އިސްލާމް ދީނުގެ އަސްލުތަކާއި އުޞޫލު ތަކާއި ޚިލާފު ނުވާ ގޮތުގެ މަތީން ބައިނަލް އަޤްވާމީ މިންގަނޑުން ގުނާލެވޭ އިންސާނީ ހައްޤުތައް، ޤާނޫން އަސާސީ އެއްގައި ލިޔެވި، ދިވެހީންނަށް ލިބިގެން ދިޔައީ މީގެ 15 އަހަރު ކުރީން މިއަދު ކަމަށެވެ. ޤާސިމް އެއިޝާރާތްކުރެއްވީ 7 އޯގަސްޓް 2008 ގައި މިހާރުގެ ޤާނޫނު އަސާސީ ތަސްދީޤުކުރެއްވި ދުވަހަށެވެ.



"2003 ގެ ފަހު ކޮޅު ފެށުނު ސިޔާސީ ހަލަބޮލި ކަމާއެކު، ރައީސް މައުމޫން 9 ޖޫން 2004 ގައި ޢިއްލާން ކުރެއްވި އިސްލާޙީ އެޖެންޑާ އާއި އެކު، ޤާނޫން އަސާސީ އިޞްލާޙް ކުރުމަށް އިންތިޚާބު ކުރެވުނު ޚާއްޞަ މަޖިލީހުން އެކުލަވާލި ޤާނޫން އަސާސީ ނިންމުމަށް ރެޔާއި ދުވާލު މެދުކެނޑުމެއް ނެތި ކުރެވުނު އެ ބުރަ މަސައްކަތް ނިންމާލެވުނީ الله އިރާދަފުޅާއިއެކު އަޅުގަނޑު އެ މަޖިލީހުގެ ރައީސް ކަމުގައި އިނދެގެންނެވެ." ޤާސިމްގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އެހެން ކަމުން މި ތާރީޚީ މުނާސަބަތުގައި، މި މުހިންމު މަސައްކަތުގައި އޭރު ޢަމަލީ ގޮތުން އުޅުއްވި އެންމެހާ ބަޠަލުންނަށާއި، އިސްލާޙަށް މަސައްކަތް ކުރެއްވި އެންމެހާ ލޮބުވެތި ދިވެހިރައްޔިތުންނަށް، އަދި ޖުމުލަ ކޮށް ޢާންމު އެންމެހާ ދިވެހިރައްޔިތުންނަށް ތަޙްނިޔާއާއި މުބާރަކު ބާދު އަރިސް ކުރައްވާކަމަށް ގާސިމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމަކީ ރާއްޖޭގެ މަލްޓިޕާޓީ ޒަމާނީ ޑިމޮކްރަސީއަށް ފެށި އިސްލާޙީ މަސައްކަތަށް އިސް ނެންގެވި އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅާއެވެ. އޭރުގެ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރިޔާސަތުގައި ޤާސިމްވަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިހާރު ޢަމަލުކުރަމުން މިދާ ޤާނޫނު އަސާސީ ފުރިހަމަކޮށް ނިންމާލެވުނީ ޤާސިމްގެ ރިޔާސަތުގެ ދަށުންނެވެ. އޭރުގެ ޙާލަތު އޮތްގޮތުން ޚާއްސަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަކީ މާ ފަސޭހަކަމެއް ނޫނެވެ. ޚާއްސަކޮށް ޚިޔާލު ތަފާތު އެތައްބަޔަކާއެކު އެއް އަމާޒަކަށް މަސައްކަތް ކުރެއްވުމުގައި ޚާއްސަ މަޖިލީހުގައި ޤާސިމް އަދާކުރެއްވި ރޯލަށް ގިނަބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން