ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން، އީސީއަށް މިއަދު ހުށައަޅުއްވައިފިއެވެ.

މުއިއްޒު މިއަދު ކެންޑިޑެސީ ހުށައެޅުއްވީ ރައީސް ޔާމިންގެ ކެންޑިޑެސީ ބަލައި ނުގަންނަން އީސީން ނިންމީ ރަނގަޅަށް ކަމަށް ސްޕްރީމް ކޯޓުން ނިންމުމާއެކު އިންތިހާބު ބޮއިކަޓް ކުރުމަށް ރައީސް ޔާމިން އަންގަވާފައި ވަނިކޮށެވެ. އަދި މުއިއްޒު ކެންޑިޑެސީ ފޯމު ހުށައެޅުއްވިއިރު މިމައްސަލައިގައި ޕީޕީއެމް، ޕީއެންސީ ކޯލިޝަން ތެރޭގައި ބޮޑު ދެބަސްވުމެއް ވަނީ އުފެދިފައެވެ.

މުއިއްޒު މިއަދު ކޮމިޝަނަށް ފޯމު ހުށައެޅުއްވި ރަސްމިއްޔާތުން ފެނިގެން ގޮސްފައިވަނީ ޕީޕީއެމްގެ ލީޑަރޝިޕްގެ ވަރަށް މަދު ބޭފުޅުން ކޮޅެކެވެ. އޭގެތެރޭގައި އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގުމާއި ހަވަލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމާއި ކުރީގެ އެންވަރަންމެންޓް މިނިސްޓަރ ތޯރިގާއި ސެކްރެޓަރީ ޖެނެރަލް ތޮލާލް ހިމެނިވަޑައިގަންނަވައެވެ.

ޕީޕީއެމް އަދި ޕީއެންސީންވެސް ރިޔާސީ އިންތިޚާބު ބޮއިކަޓްކުރުމަށް ރައީސް ޔާމިން ވަނީ އަންގަވާފައެވެ. މިކަމާއި ގުޅިގެން ރޭ އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕުން ވަނީ ބައްދަލުވުމެއް ބާއްވައި ގޮތް ތަކެއް ނިންމާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލީޑަޝިޕުން ރޭ ނިންމީ ރައީސް ޔާމީންގެ ނިންމުން ބަދަލު ކުރުމަށް އަލުން ޔާމީނާއި މަޝްވަރާ ކުރުމަށާއި ޑރ. މުއިއްޒުގެ ފަހަތަށް އެންމެން އެރުމަށެވެ. އިދިކޮޅު ލީޑަރޝިޕުން އިންތިހާބު ބޮއިކޮޓްނުކުރުމަށާއި ރައީސް ޔާމީނާއި އަލުން ވާހަކަ ދެއްކުމަށް ނިންމި ނަމަވެސް ޔާމިންގެ ވިސްނުންފުޅު ބަދަލު ނުކުރަށްވާކަން ޔާމީން ދަރިކަލުން ޒެއިން ޔާމިން ކުރަށްވާފައިވާ ޓްވީޓަކުން ވަނީ ކަށަވަރުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ނިންމެވުމާއި ދެކޮޅަށް ނެރޭ ކެންޑިޑޭޓަކަށް އޭނާ ތާއީދު ނުކުރަށްވާނެ ކަމަށާއި އަދި ވޯޓުވެސް ނުދެއްވާނެ ކަމަށެވެ.

ޑރ. މުއިއްޒު މިއަދު ކެންޑިޑެސީ ފޯމު ހުށައަޅުއްވަން އީސީގައި އޮތް ރަސްމިއްޔާތުގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންވެސް ފެނިފައެއް ނުވެއެވެ.

ޑރ. މުއިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޯޑާ ދާއިރާގެ މެންބަރު ހުސެން މުހަންމަދު، ސެންބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސެމްބެ ރަނިންމޭޓަކަށް ނެގީވެސް ޔާމީންގެ އިރުޝާދުގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން