ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ކުރީގެ ބަންޑާރަ ނާއިބު ޑރ. މުޙައްމަދު މުނައްވަރު ނިންމަވައިފިއެވެ.

މުނައްވަރު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އިންތިޚާބުގައި ވާދަކުރަން ކުރިން ނިންމަވާފައި އޮތްކަމުގައިވިޔަސް މިހާރު އެނިންމުން ބަދަލުކުރައްވައި އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވާފައިވާކަމަށެވެ. މިއާއެކު މުނައްވަރަށް ތާޢީދުކުރި އެންމެހާ ފަރާތްތަކަށް އޭނާވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އޭނާގެ ކެންޑިޑެސީ ފޯމު ފުރިހަމަކުރެއްވުމަށްޓަކައި ސޮއި ދެއްވި އެންމެންނަށްވެސް ޝުކުރުއަދާކުރައްވާފައިވެއެވެ.



އެހެންނަމަވެސް މިގޮތަށް ނިންމެވީ ކީއްވެގެންކަމެއް މުނައްވަރު ހާމައެއް ނުކުރައްވައެވެ.

ރިޔާސީ އިންތިހާބާ ބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ)ގައި ވަނީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން، ކެންޑީޑަސީ ފޯމާއެކު ހުސަހަޅަންޖެހޭ 1،500 ސޮއިވެސް މުނައްވަރު ހޯއްދެވިއެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދަޢުލަތުގެ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ ވެރިކަމަށް ކުރިމަތި ލެއްވުމަށް ޙާލަތު މަޖުބޫރު ކުރުވި ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު ބައްޓަން ކޮށްފައިވާ ގޮތާއި ރާއްޖޭގެ ދަރަނީގެ ޙާލަތު މިވަގުތު އޮތް ގޮތް ހިމެނޭކަމަށެވެ. މުނައްވަރު ވިދާޅުވީ އެބޭފުޅާއަކީ ވަކި މީހެއްގެ އެޖެންޓެއް ނޫން ކަމަށާއި ވެރިކަމަށް ކުރިމަތިލެއްވުމަށް އެއްވެސް ސިޔާސީ ލީޑަރަކާ މަޝްވަރާ ކުރަށްވާފައި ނުވާނެ ކަމަށެވެ.

އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. މުނައްވަރު ރައީސް މައުމޫނުގެ ވެރިކަމުގައި 2003 ވަނަ އަހަރާއި ހަމައަށް 10 އަހަރު ވަންދެން ބަންޑާރަ ނައިބުގެ މަގާމު އަދާކުރެއްވިއެވެ. އަދި އައްޑޫ މެމްބަރުކަންވެސް 10 އަހަރު ކުރެއްވިއެވެ.

އޭގެފަހުން 2007 ވަނަ އަހަރު އެމަނިކުފާނު ވަނީ އެމްޑީޕީގެ ރައީސްކަމަށް އިންތިހާބުވެވެވަޑައިގެންފައެވެ.

2008 ވަނަ އަހަރު ރީކޯ މޫސާ މަނިކާއި އެމްޑީޕީގެ އޭރުގެ ޗެއަރޕަރސަން ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް މުނައްވަރު ވާދަކުރެއްވިއެވެ. ނަމަވެސް އޭނާއަށް ލިބިވަޑައިގެންނެވީ ދެވަނައެވެ.

ރިޔާސީ ޕްރައިމަރީގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ޑރ. މުނައްވަރު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވީ 2008 ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ. މުނައްވަރު ތާއީދުކުރެއްވީ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ރިޔާސީ މައިދާނުން މާބޮޑަށް ޑރ. މުނައްވަރު ފެނިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން