ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާފައިވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، ޤާސިމު އިބްރާހިމްގެ ކެމްޕެއިނު ކުރިއަށްދާނީ އެހެން ކެންޑިޑޭޓުންނަށް އިހުތިރާމުކޮށްގެންކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް، ޤާސިމު އިބްރާހިމްގެ އިންތިހާބީ އޭޖެންޓު، އަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ މިއަދު ޖުމްހޫރީ ޕާޓީން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީން ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމު އިބްރާހިމްގެ ޝަރުތު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައި، ޤާސިމް އިބްރާހިމްގެ ކެންޑިޑެސީ ބަލައިގަނެފައިވާކަން ހާމަކުރައްވާފައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޤާސިމު އިބްރާހިމްގެ އިންތިހާބީ އޭޖެންޓު، އަލީ ވަހީދު ވިދާޅުވީ، ރަސްމީކޮށް ޖޭޕީގެ ކެންޑިޑޭޓް، ޤާސިމު އިބްރާހިމްގެ ކެމްޕެއިނު މިއަދުން ފެށިގެން ފެށިފައިވާކަމަށާއި، އަދި ރިޔާސީ އިންތިހާބަށް ވޯޓު ހޯދުމަށް ޖުމްހޫރީ ޕާޓީން ކެމްޕޭނު ކުރާނީ އެހެން ކެންޑިޑޭޓުންނަށްވެސް އިހުތިރާމުކޮށްގެންކަމަށެވެ.

"މިކެމްޕޭނުގައި ހުރިހާ ޕާޓީ ތަކާއި، އަދި ވާދަވެރި ކެންޑިޑޭޓުންނާއިއެކު، ޖުމްހޫރީ ޕާޓީން ކެމްޕޭނު ކުރަން އަޅުގަނޑުމެންގެ ކެންޑިޑޭޓު އެދިވަޑައިގަންނަވަނީ ސުލްޙަވެރިކަމާއެކު. އަޅުގަނޑުމެންގެ ދުޝްމަނުންނެއް ނުތިބޭނެ،" އަލީ ވަހީދު ވިދާޅުވިއެވެ.

މީގެއިތުން، ކެމްޕެއިން ދުވަސް ވަރުވެސް އެހެން ކެންޑިޑޭޓަކަށް އުނިކަން ނުވާނެ ފަދައިން، އޯގާތެރިކަމާއި، އިހުތިރާމާއި، އެކުވެރިކަމާއެކު ކެމްޕޭނު ކުރުމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ، އަދި ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓް، ޤާސިމް އިބްރާހިމުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ޓިކެޓެއް ނިކުންނަނީ ޖޭޕީގެ ފަރާތުން ކަމަށާއި އެއީ ވަފާތެރިކަމުގެ ލާމަސީލެއްކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުން ވަނީވެސް ދިމާވާ ކޮންމެ ކަމެއްގައި އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން، ރިޔާސީ ރޭހުގައިވެސް ޖޭޕީގެ ކެންޑިޑޭޓުގެ ކެމްޕެއިނު ޓީމުން ނަމޫނާ ދައްކަވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން