ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ފަސްކޮށްދިނުމުގެ އަމުރަކަަށް ހައި ކޯޓުގައި އެދިއްޖެއެވެ.

ޔާމީންގެ ފަރާތުން މި މައްސަލަ ފަސްކޮށްދިނުމަށް ހައިކޯޓަށް ހުށަހަޅުއްވާފައިވަނީ ރޭގެ ވަގުތެއްގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވީ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އިޖުރާއަތްތަކާއި އެއްގޮތަށް ކުރިން އެދިފައި ނެތް ކަމަށެވެ. އެގޮތުން އެކަމަށް ޔާމީންގެ ވަކީލުން އެދިވަޑައިގެންނެވީ ސިޓީއަކުންކަމަށެވެ.

ޔާމީންގެ ފަރާތްޕުޅުން ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދިވަޑައިގެންނެވިނަމަވެސް އެކަމުގައި ކޯޓުން އަމަލުކުރާނެ ގޮތެއް އަދި ނޭނގެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ 12 މަސް ދުވަހަށްވުރެ ދިގު ހުކުމެއް އޮތުމާއި ސާބިތު ދަރަންޏެއް އޮތުމާއި ގުޅިގެނެވެ.

ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭކަމަށް ނިންމުމާއި ގުޅިގެން ޕީޕީއެމް ޕީއެންސީގެ ކެނޑިިޑޭޓްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރ މުހައްމަދު މުއިއްޒުގެ ފޯމް ވަނީ ހުށަހަޅާފައެވެ. އަދި އޭނާގެ ކެނޑިޑަސީ އިލެކްޝަނުން ވަނީ ބަލައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން