ދައުލަތުގެ ވިޔަފާރި ކުންފުނިތަކާއި ހަވާލުވާން އެންމެ ގާބިލު ކެންޑިޑޭޓަކީ ޤާސިމް އިބްރާހިމް ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ، ތަހުޒީބުވެފައިވާ ދުނިޔޭގެ ގިނަ ގައުމުތަކުގައި އިސް ވެރިޔަކަށް ހޮވޭނީ ކަމަށް ގާބިލު ބޭފުޅުން ކަމަށާއި، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވިސްނުން މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކުރިއަށް މިއޮތް ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ގާބިލު ކެންޑިޑޭޓަކީ ގާސިމު އިބްރާހިމް ކަމަށްވެސް އަލީ ހުސެއިން ވަނީ ފާހަގަކުރައްވާފައެވެ.

"ދިވެހި ރާއްޖޭގައިވެސް ނަމެއް ކިޔައިފިއްޔާ، ފީލްޑެއްގެ ވާހަކަ ދައްކައިފިއްޔާ، އެކަމަކާ ގުޅޭ އެންމެ ބޮޑު ކުންފުނި މިއޮންނަނީ ދައުލަތުގައި، އަދި ދައުލަތުގައި މިހުރި ބޮޑެތި ކުންފުނި ތަކާއި، ވިޔަފާރި ތަކާއި ހަވާލުވާނެ ގާބިލުކަން ހުރި ހަމައެކަނި ކެންޑިޑޭޓަކީ ގައުމީ ކެންޑިޑޭޓް، އަޅުގަނޑުމެންގެ ކެންޑިޑޭޓް، އޮނަރަބަލް ގާސިމް އިބްރާހިމް،" އަލީ ހުސެއިން ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގޮތެއް ނިންމާއިރު، ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކާއި، ދައުލަތުން ހިންގާ ވިޔަފާރިތައް ނަގާ ކޮޅަށް ޖެހޭނެ ގާބިލުކަން ހުރި މީހަކީ ކޮބައިތޯ ބަލަން ޖެހޭނެކަމަށެވެ. އަދި ދިވެހި ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކޮށްދެވޭނީ ކިހާވަރެއްގެ ގާބިލުކަމެއް ހުރި ބޭފުޅަކަށްތޯ ބަލަން ޖެހޭނެ ކަމަށެވެ. މިކަން ކަމަށް ވިސްނަވައިފިނަމަ، ހުރިހާ ބޭފުޅުންގެ ތާއީދު ލިބިވަޑައިގަންނަވާނީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން