މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން، އެއްބުރުން އެމަނިކުފާނު ހޮއްވަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ, ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވުމަށްފަހު މީޑިޔާ އާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، މިހާތަނަށް އެމަނިކުފާނު ވަނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ދެފަހަރު ފުރުސަތު ދެއްވާފައިކަމަށެވެ. އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް އެއް ފަހަރު ފުރުސަތު ދެއްވިކަމަށާއި، އެހެންކަމުން ޓެސްޓުކޮށްލުމަށްވެސް ދިވެހި ރައްޔިތުން މިފަހަރު އެމަނިކުފާނަށް ވޯޓް ދެއްވުމަަށް ޤާސިމް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު މިފަހަރު ނުކުމެ މިހުރީ އެއްބުރުން ދިވެހި ރައްޔިތުން އަޅުގަނޑު ހޮވާނެކަން ގަބޫލުކޮށްގެން. ހަމަ ސަތޭކައަކުން ސަތޭކަ، އެއްބުރުން ދިވެހި ރައްޔިތުން މިފަހަރު ހޮވާނީ އަޅުގަނޑު،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފިނަމަ ވިލާ ކުންފުނި ބޮޑުކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ވާހަކަ ތަކަަށް ވެސް ގާސިމް ވަނީ ރައްދު ދެއްވާފައެވެ. ގާސިމް ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންފިނަމަ އަމިއްލަ ވިޔަފާރީގެ މަސްލަހަތު އިސްނުކުރަށްވާނެ ކަމުގެ ޔަގީންކަން ގާސިމް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. ގާސިމް ވިދާޅުވީ ވެރިކަމަށް ވަޑަައިގެންނެވި ނަމަވެސް އިތުރު އެއްވެސް އެއްޗެއް ބޭނުންފުޅުނުވާ ކަމަށެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވިއްޖެނަމަ، މިއަދު އަޅުގަނޑުގެ އަމިއްލަ ކުންފުނީގައި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ހުރި އެއްޗަކަށްވުރެ އިތުރު ހަމަ އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ދިވެހި ގައުމަކުން އިތުރަކަށް އަޅުގަނޑު އެއްވެސް އެއްޗެއް ބޭނުމެއް ނުވޭ. އެކަން އަޅުގަނޑު ޔަގީންކޮށްދެން." 2008 ވަނަ އަހަރުގެ ފަހުން ވެރިކަމަށް އައި ހުރިހާ ސަރުކާރެެއް ވެރިކަމަށް ގެނައުމުގައި އިސް ދައުރެއް އަދާކުރަށްވާފައިވާ ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން